ތުޅާދޫ

ދެމަފިރިން ބްލެކްމެއިލް ކުރިމީހާގެ ބަންދަށް ފަސް ދުވަސް

ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯއެއް ބޭނުންކޮށްގެން ދެމަފިރިއަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބ. ތުޅާދޫ މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ބަންދަށް މުއްދަތު ޖެހީ ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓުންނެވެ.

މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީގެ ދެ ދުވަސް ކުރިން ތުޅާދޫން ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ ތުޅާދޫން މިމައްސަލަ ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

ތުޅާދޫން އަވަސް އަށް މައުލޫމާތު ދިން މީހަކު ބުނީ އޭނާއަށް މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ބްލެކްމެއިލްގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.