ހާމިދު އިސްމާއިލް

ޕީޖީގެ އެދިގެން ހާމިދުގެ ޝަރީއަތުގެ އަޑު އެހުން ކެންސަލް

Jan 20, 2016

ހާމިދު އިސްމާއިލް (ހާމިދު ސޭޓް) ގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑެރިންގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

އެ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުން ބޭއްވުމަށް މިއަދު ތަވާލްކޮށްފައި އޮތ 2:00 ޖަހާއިރަށެވެ. ނަމަވެސް ކްރިމިނަލް ކޯޓްން މިއަދުގެ ޝަރީއަތް ނުބާއްވާ ގޮތަށް ނިންމެވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އެދިވަޑައިގަތުމަށް އަޑު އެހުން ކެންސަލް ކުރެއްވީ ކަމަށް ބުނެ އެވެ. ނަމަވެސް ސަބަބެއް ނުބުނެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވިއްކި ރަށްތަކާއި ގުޅުން ހުރި މަނީ ލޯންޑްރިން މައްސަލާގައި އޭނާގެ މައްޗަށް ކޯޓްގައި ދައުވާ އުފުލާފައިވާއިރު ހާމިދުގެ ޝަރީއަތް ނިމެންދެން އޭނާ ގޭބަންދަށް ކޯޓުން ވަނީ ބަދަލުކޮށްފައެވެ.

ހާމިދުގެ ފުލުހުން ތަހުގީގުކުރުމަށްފަހު ހާމިދުގެ މައްޗައް ދައުވާކުރަން ފޮނުވާފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭނާއަކީ ހައްޔަރުކޮށް ދައުވާތައް އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ބޭބެއެކެވެ.

އެންމެ ފުރަތަމަ ހާމިދު ސޭޓް ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 28 ވަނަ ދުވަހު މެލޭޝިއާގައި ހުއްޓަ އެވެ. ރައީސް ޔާމީނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށް ތަހުގީގެއް ކުރުމަށްފަހު އޭނާ ދޫކޮށްލި ދުވަހު ދެވަނަ ފަހަރަށް ހައްޔަރު ކުރީ މަނީ ލޯންޑެރިން މައްސަލާގަ އެވެ.