ކޮމިކް އެކްޓްރަސް ކާސްޓީ އެލީ 71 އަހަރުގައި މަރުވެއްޖެ އެވެ.
ކާސްޓީ މަރުވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ކާސްޓީ އަށް ކެންސަރު ޖެހިފައިވާ ކަން އެނގުނީ ވަރަށް ފަހުންނެވެ.
ކާސްޓީގެ ދަރިން ބުނި ގޮތުގައި ކާސްޓީ ހިތްވަރާއެކު ކެންސަރު ބައްޔާ ހަނގުރާމަކުރަމުން ދިޔަކަމާއި މަރުވިއިރު އާއިލާއާއި އެންމެ ލޯބިވާ ގާތް މީހުން ކާސްޓީ ގާތު ހުރި ކަމަށެވެ.
ބޮޑު ސްކްރީންގައި ކިތަންމެ އައިކޯނިކް އެކްޓްރަސްއެއްގެ ގޮތުން ކާސްޓީ ފެނިފައިވީ ނަމަވެސް ކާސްޓީއަކީ އެއަށްވުރެ މޮޅު މަންމަ އަކާއި މާމައެއް ކަމަށް ކާސްޓީގެ ދަރިން ޓްރޫ އަދި ލިލީ ޕާކާ ބުންޏެވެ. ފްލޮރިޑާގެ ޓެމްޕާގެ މޮފިޓް ކެންސާ ސެންޓާގެ މޮޅު ޑޮކްޓަރުންނާއި ނަރުހުން ކޮށްދިން ހިދުމަތަށް އާއިލާ އިން ޝުކުރު އަދާކުރި އެވެ.
1987 ގައި "ޗިއާސް" ސީރީޒްގެ ލީޑް ޝެލީ ލޯންގް ވަކިވުމުން އޭގެ ބަދަލުގައި ކާސްޓީ އެލީ އެ ޝޯ އާ ގުޅުނެވެ. 1987 އިން 1993 އާ ހަމައަށް ކާސްޓީގެ އެކްޓިންއަށް ފަސް އެމީ ނޮމިނޭޝަން ލިބި، އެއް އެވޯޑް ހާސިލްކޮށްފައިވެ އެވެ. 1997 އިން 2000 އާ ހަމައަށް ކާސްޓީ ކުޅެފައިވަނީ "ވެރޯނިކާސް ކްލޯސެޓް"ގެ ލީޑް ރޯލެވެ. 1989، 1990 އަދި 1993 ވަނަ އަހަރު ކާސްޓީ ވަނީ ޖޯން ޓްރެވޯލްޓާއާ އެކު "ލުކް ހޫސް ޓޯކިން" ފިލްމް ސީރީޒް ކުޅެފަ އެވެ. މީގެ އިތުރުން ކާސްޓީގެ ފާހަގަކޮށްލެވޭ ފިލްމާއި ސީރީޒްތަކުގެ ތެރޭގައި "ސަމާ ސްކޫލް"، "ޝޫޓް ޓު ކިލް" "ޑޭވިޑްސް މަދާ"، "ފެޓް އެކްޓްރެސް" އަދި "ސްކްރީމް ކުއީންސް" ހިމެނެ އެވެ.
ކާސްޓީގެ ކެރިއަރުގައި އޭނާއަށް ވަނީ ދެ އެމީ އެވޯޑާއި އެއް ގޯލްޑަން ގްލޯބް އަދި އެހެނިހެން އެވޯޑްތައް ވެސް ލިބިފަ އެވެ. އެކްޓިން އަށް ކިތަންމެ މޮޅު ނަމަވެސް އޭނާގެ އުމުރުން ދުވަސްވީހެން ބަރުދަނަށް ވަރަށް ބޮޑެތި ބަދަލުތައް އައިސް، އެކަމާ މީޑިއާގެ ފާޑުކިޔުންވެސް ކުރިމަތިލާން ޖެހިފައިވެ އެވެ. ކާސްޓީގެ ބަރުދަން އިތުރުވާ ފަހަރާއި ޑައިޓްކޮށްގެން ހިކޭ ފަހަރު ދިޔަ އެވެ. ކާސްޓީ ވަނީ ދެ ފަހަރެއްގެ މަތިން ޖެނީ ކްރެއިގްގެ ސްޕޯކްސްޕާސަންއެއްގެ ގޮތުގައި އައްޔަނުކޮށްފަ އެވެ.
ކާސްޓީގެ މަރާ ގުޅިގެން ޓެޑް ޑެންސަން، ޖޯން ޓްރެވޯލްޓާ، ޖޭމީ ލީ ކާޓިސް، ކްރިޓިން ޗެނޮވެތް، ޓިމް އެލަން، ރޮބަޓް ޕެޓްރިކް، ޖެކޭ ހެރީ، އެވާ ކެރަޑީން ފަދަ ތަރިން ވަނީ ސޯޝަލް މީޑިއާގައި ތައުޒިޔާ ކިޔާފަ އެވެ.