ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މިދިޔަ މަހު 249 ދައުވާ އުފުލި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި 192 މީހެއްގެ މައްޗަށް 249 ދައުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ތެރޭގައި ދައުވާ ކުރަން ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

މިގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ 61 ދައުވާ އާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 8 ދައުވާ އާއި މަސްތުވާތަކެތި މުއާމަލާތު ކުރުމުގެ ފަސް ދައުވާގެ އިތުރުން މަސްތުވާތަކެތި ޕެޑްލްކުރުމުގެ ފަސް ދައުވާއެއް ވަނީ ކޯޓުތަކަށް ހުށަހަޅާފަ އެވެ.

ވައްކަން ކުރުމުގެ 23 ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ 20 ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ 17 ދައުވާ ވަނީ ކޯޓުތަަކަށް ހުށަހަޅާފަ އެވެ. މީގެއިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ އެއް ދައުވާ ވެސް މިދިޔަ މަހު ކޯޓުތަކަށް ހުށަހަޅާފައިވެ އެވެ.

ޕީޖީ އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު ދައުވާ ކުރުމަށް އެދި އެ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަނަށް 273 މައްސަލަ ހުށަހެޅުނެވެ.

މީގެތެރެއިން 103 މައްސަލަ ބަލައިގަތްއިރު 60 މައްސަލަ ދިރާސާކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް 69 މައްސަލަ އަނބުރާ ފޮނުވާލާފައިވާއިރު އެކި ސަބަބުތަކާއި ހުރެ 41 މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.