ހަބަރު

މިދިޔަ އަހަރު 3،000 އަށް ވުރެ ގިނަ މައްސަލަ ސިވިލް ކޯޓުން ނިންމައިފި

Jan 22, 2015

މިދިޔަ އަހަރު ސިވިލް ކޯޓުން 3،000 އަށް ވުރެ ގިނަ މައްސަލަ ނިންމައިފި އެވެ.

ސިވިލް ކޯޓުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓުން ވަނީ 3203 މައްސަލަ ނިންމައިފަ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 32.75 އިންސައްތައިގެ ކުރިއެރުމެކެވެ. އޭގެ ކުރީ އަހަރު އެ ކޯޓުން ނިންމާފައިވަނީ 2154 މައްސަލަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ސިވިލް ކޯޓަށް 2589 މައްސަލައެއް ހުށަހެޅުނު ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ބާކީ ނުނިމިހުރީ 1287 މައްސަލަ އެވެ. އަދި 1915 މައްސަލައެއްގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް މިދިޔަ އަހަރު ދޫކޮށްފައިވާއިރު ޝަރީއަތަށް ހާޒިރުވުމަށް އަންގައި، އެކި ފަރާތްތަކަށް 27،209 އަމުރު ހަވާލުކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. މީގެ އިތުރުން 776 އެއްބަސްވުމާއި 378 ޕަވާ އޮފް އެޓާނީ ވެސް މިދިޔަ އަހަރު އެ ކޯޓުން ވަނީ ރަޖިސްޓްރީ ކޮށްދީފަ އެވެ.

މިދިޔަ އަހަރު ނުވަ ގާޒީން ތިއްބެވި ސިވިލް ކޯޓަކީ މަދަނީ މައްސަލަތަކުގެ ތެރެއިން ފެމިލީ ކޯޓުން ބަލާ މައްސަލަތައް ފިޔަވައި އެހެން ހުރިހާ މައްސަލަތަކެއް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެކެވެ. އެ ކޯޓަކީ މާލޭގެ ކޯޓުތަކުގެ ތެރެއިން އެންމެ ގިނައިން މައްސަލަ ހުށަހެޅޭ ކޯޓެވެ.

ސިވިލް ކޯޓުން ކުރިން ބަލަމުން ދިޔަ ހިބަ އާއި ތަރިކައިގެ އިތުރުން ވާރިސުން ގިންތި ކުރުމުގެ މައްސަލަތައް އަންނަ ފެބްރުއަރީ މަހުން ފެށިގެން ފެމިލީ ކޯޓުން ބަލަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.