މިނިސްޓްރީ އޮފް ހެލްތު

"ހުރިހާ ރަށެއްގައި އެމްބިއުލާންސް މިހާރު ހުންނާނެ"

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެމްބިއުލާންސްގެ ހިދުމަތް މިހާރު ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެފި އެވެ.

އަވަސް އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހެލްތް މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު އައިމިނަތު ޝަތުފާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކުންވެސް އެމްބިއުލާންސްގެ ހިދުމަތް މިހާރު ލިބެމުންދާނެ ކަމަށެވެ.

ރަށްރަށަށް އެމްބިއުލާންސް ފޮނުވި ނަމަވެސް ބައެއް ރަށްތަކުގައި ކުދި މަގުތަކަށް އެމްބިއުލާންސް ނުވަދެވޭ މައްސަލަ ފާހަގަވާ ކަމަށްވެސް ޝަތުފާ ވިދާޅުވި އެވެ. އެހެންވެ އެފަދަ ރަށްރަށަށް ބަގީ އެމްބިއުލާންސް ހޯދަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ބައެއް ކުދި ރައްރަށުގައި ހަނި މަގު މަގަށް ބޮޑެތި އެމްބިއުލާންސްތަކަށް ނުވަދެވޭތީ، އެފަދަ ރައްތަކަށް ބަގީ އެމްބިއުލާންސް ހޯދުމުގެ މަަސައްކަތް ވެސް މިހާރު ކުރިއަށް އެބަދޭ،" ޝަތުފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަގީ އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޗައިނާއާ ވާހަކަދައްކައިގެންނެެވެ.

އަތޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް 137 އެމްބިއުލާންސް މިވެރިކަމުގައި ފޯރިކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްބިއުލާންސް ހިދުމަތް ގާއިމުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.