ފިނިޕޭޖް

"ހެރީ އެންޑް މޭގަން"ގެ ޑޮކިއުމެންޓަރީ ރިލީޒްކުރަނީ

އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ އާއި އަންހެނުން މޭގަން މާކަލްގެ ހަޔާތަށް ނެޓްފްލިކްސްއިން ހަދާ ޑޮކިއުމެންޓަރީ ސީރީޒް "ހެރީ އެންޑް މޭގަން" އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ތައްޔާރުވެއްޖެ އެވެ.

މި ޑޮކިއުމެންޓްރީގެ ޓްރެއިލާ މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. ކޮވިޑް-19 އާއި ރާނީ އެލިޒަބަތު ދޭއްގެ މަރާ ގުޅިގެން ޑޮކިއުމެންޓްރީ ރިލީޒް މިކުރަނީ ކުރިން ކަނޑައެޅި ތާރީހަށް ވުރެ ފަހުންނެވެ.

ހަ އެޕިސޯޓް ހިމެނޭ މި ޑޮކިއުމެންޓްރީގެ އެޕިސޯޑްތައް ރިލީޒްކުރަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. މިގޮތުން ހަތަރުވަނަ އެޕިސޯޑުން ފެށިގެން ހަވަނަ އެޕިސޯޑާ ހަމައަށް ރިލީޒްކުރާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ކޮންޓްރަވާސީ އިން ފުރިގެންވާ މި ޑޮކިއުމެންޓްރީ ޑައިރެކްޓް ކޮށްފައިވަނީ ލިޒް ގާބަސް އެވެ.

މި ޑޮކިއުމެންޓްރީ އަކީ ހެރީ އާއި މޭގަން ޝާހީ އާއިލާގެ ޒިންމާތަކުން ވަކިވެ، އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށް ނެޓްފްލިކްސްއާ އެކު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުން ހަދާ ޑޮކިއުމެންޓްރީ އެކެވެ.

މި ޑޮކިއުމެންޓްރީގައި ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅުނު ދުވަސްވަރުގެ ކަންކަމާއި ކައިވެންޏާއި އިނގިރޭސި ވިލާތުގައި ދިރއުޅުނު ދުވަސްވަރާއި އެމެރިކާއަށް ބަދަލުވި ސަބަބުތަކާއި ޝާހީ އާއިލާއާ ބެހޭ ބައިވަރު މައުލޫމާތުތައް ހާމަކުރާނެ ކަމަށް ބުނެވެ އެވެ.

ހެރީ އާއި މޭގަން ވަނީ މީގެ ކުރިންވެސް އޯޕްރާއަށާއި މެގަޒިންތަކަށް ދިން އިންޓަވިއުތަކުގައި ޝާހީ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. ހެރީ މެމޮއާއެއްވެސް ނެރޭނެ ކަމަށާއި އޭގައިވެސް ވަރަށް ގިނަ ސިއްރުތައް ހާމަކުރާނެ ކަމަށްވެސް ކުރިން އިއުލާންކޮށްފައިވެ އެވެ.

މި ދެމަފިރިންގެ ވާހަކަތަކަށާއި އަމަލުތަކަށް ގިނަ މީހުންގެ ފާޑުކިޔުން ވެސް ރައްދުވަމުންދެ އެވެ. މިގޮތުން މި ޑޮކިއުސީރީޒްގެ ޓްރޭލާ ރިލީޒްކުރި ތާރީހަކީ ހެރީގެ ބޭބެ ވަލީއަހުދު ޕްރިންސް ވިލިއަމް އާއި އަންހެނުން ޕްރިންސަސް ކޭޓް އެމެރިކާއަށް ކުރެއްވި ދަތުރާ ދިމާވި ތާރީހެކެވެ.