ފިނިޕޭޖް

ޑިޒްނީ-ޕިކްސާގެ "އިންސައިޑް އައުޓް 2"

ޑިޒްނީ-ޕިކްސާ އިން 2015 ވަނަ އަހަރު ނެރުނު "އިންސައިޑް އައުޓް"ގެ ސިކުއެލް ހަދަން ނިންމައިފި އެވެ. މިއީ އޮސްކާ އެވޯޑް ލިބިފައިވާ ތަފާތު އެނިމޭޓެޑް ފިލްމެކެވެ.

"އިންސައިޑް އައުޓް 2" ޑައިރެކްޓްކުރާނީ ކެލްސީ މޭން އެވެ. މި ފިލްމްގެ ސްކްރިޕްޓް ރައިޓަރާއި ޕްރޮޑިއުސަރަކީ ފުރަތަމަ ފިލްމްގެ ރައިޓަރު އަދި ޕްރޮޑިއުސަރު މެގް ލަފޯވް އާއި މާކް ނީލްސަން އެވެ.

"އިންސައިޑް އައުޓް"ގެ ވާހަކައަކީ އެ ފިލްމްގެ ޑައިރެކްޓަރު ޕީޓް އޭނާގެ ދަރިފުޅަށް އަންނަ ބަދަލުތައް ފާހަގަކުރެވިގެން އައި ހިޔާލަކަށް ބިނާކޮށްފައިވާ ވާހަކައެކެވެ. މިގޮތުން މި ފިލްމުގައި 11 އަހަރުގެ ރައިލީ އޭނާގެ ރަށް ދޫކޮށް މައިންބަފައިންނާއެކު އެހެން ރަށަކަށް ބަދަލުވުމުން ކުރާ އިހްސާސްތައް ރައިލީގެ ތެރޭގައި އުޅޭ ޖޯއި، ސޭޑްނަސް، އޭންގާ، ޑިސްގަސްޓް އަދި ފިއާ މެދުވެރިކޮށް ބެލުންތެރިންނަށް ފެންނަމުން ދެއެވެ.

"އިންސައިޑް އައުޓް 2"ގައި ފެންނާނީ ޓީނޭޖް ރައިލީ އާއި އޭނާގެ ކުރިއަށް ވުރެ ބޮޑެތި އަދި މާހަލަބޮލި އިހްސާސްތަކެވެ.

"އިންސައިޑް އައުޓް 2" ގައިވެސް ޖޯއީގެ ރޯލް އަދާކުރާނީ ކޮމެޑިއަން އޭމީ ޕޯލާ އެވެ. އަދި ސޭޑްނަސްގެ ރޯލުގައި ފިލިސް ސްމިތް އާއި އޭންގާގެ ގޮތުގައި ލުވިސް ބްލެކް އަނބުރާ އަންނާނެ ކަމަށް ހާމަކޮށްފައިވާއިރު، ފިއާގެ ގޮތުގައި ބިލް ހޭޑާ އަދި ޑިސްގަސްޓްގެ ގޮތުގައި މިންޑީ ކަލިން އަންނާނެ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ.

މި ސިކުއެލް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖޫން 14، 2024 ގައެވެ.