ވާސްޓް ކޭސް ނުވަތަ އެންމެ ގޯސް ހާލަތުގައި މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް މިއަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަދަދަށް ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،524،265 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެންމެ ގޯސް ހާލަތުގައި މިއަހަރު ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 1،520،060 ފަތުރުވެރިންނެވެ.
ބަޖެޓުގައި އަންދާޒާކޮށްފައިވަނީ މޮޑަރޭޓް ހާލަތުގައި މިއަހަރު ރާއްޖެއަށް 1،632،432 ފަތުރުވެރިން އަދި އެންމެ ރަނގަޅު ހާލަތުގައި 1،835،047 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައިވަނީ 28.2 އިންސައްތަ އިތުރުވެފަ އެވެ.
ޗައިނާ އާއި ޔޫކްރެއިން އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު ދެ ގައުމެވެ. ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ޗައިނާ އިން ސީދާ ދަތުރުތައް އަދި ރާއްޖެއަށް އަދި ނުފަށަ އެވެ. ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ފަތުރުވެރިންގެ އަދަދުތަކަށް ނޭދެވޭ އަސަރުކޮށްފައިވެ އެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ. މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 14.1 އިންސައްތަ އަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާ އިން ނެވެ. ރާއްޖެ ޒިޔާޔަތްކުރި ފަތުރުވެރިންގެ 12.2 އިންސައްތަ އަކީ ރަޝިއާ ފަތުރުވެރިންނެވެ.
ފަތުރުވެރިކަމަށް މިވަގުތު ރާއްޖޭގައި ރިސޯޓް / މެރީނާސްގެ ގޮތުގައި 167 ތަނެއްގައި 40،835 އެނދު ދަނީ ބޭނުންކުރަމުންނެވެ. ގެސްޓްހައުސްގެ ގޮތުގައި 860 ތަނެއްގައި 14،108 އެނދު ބޭނުންކުރަމުންދާއިރު 156 ސަފާރީއެއްގައި 2،884 އެނދު ފަތުރުވެރިކަމަށް ބޭނުންކުރެ އެވެ. 13 ހޮޓަލުގައި 1،616 އެނދު އަދި ހޯމް ސްޓޭގެ ގޮތުގައި ތިން ތަނެއްގައި 16 އެނދު މިވަގުތު ބޭނުން ކުރެ އެވެ.