އުމުރުން 37 އަހަރުގެ ގަލް ގެޑޮޓް ވޮންޑާ ވުމަންއަށް ވީތާ ނުވަ އަހަރު ފުރުމުން، އެކަން ފާހަގަކޮށްފިއެވެ.
ޑައިރެކްޓާ ޕެޓީ ޖެންކިންސް އާއެކު "ވޮންޑާ ވުމަން"ގެ ތިން ވަނަ ފިލްމްގެ މަސައްކަތް ކުރިއަށްދާއިރު ގަލް ވަނީ ސޯޝަލް މީޑިއާގައި އޭނާއަށް އެފަދަ މޮޅު އަދި އައިކޯނިކް ކެރެކްޓާއެއް ކުޅެން ފުރުސަތު ލިބުމުން އެކަމަށް ޝުކުރުއަދާކޮށް، ފޭނުންގެ ލޯތްބާއި ސަޕޯޓްގެ އަގު ވަޒަންކޮށްފައެވެ.
ގަލް ވޮންޑާ ވުމަންގެ ގޮތުގައި ކާސްޓުކުރީ 2013 ގައެވެ. އަދި މި ރޯލުން އެންމެ ކުރިން ފެނިގެންދިޔައީ ޑީސީގެ އެކްސްޓެންޑެޑް ޔުނިވާސްގެ 2016 ގައި ނިކުތް "ބެޓްމޭން ވާސަސް ސުޕާމޭން: ޑޯން އޮފް ޖަސްޓިސް" އިންނެވެ. އޭގެ ފަހުން 2017 ގައި "ވޮންޑާ ވުމަން" އާއި "ޖަސްޓިސް ލީގް"، 2020 ގައި "ވޮންޑާ ވުމަން 1984" އަދި 2021 "ޒެކް ޝްނައިޑާސް ޖަސްޓިސް ލީގް" އިން ގަލް އެ ރޯލުގައި ފެނިފައިވެއެވެ.
މީގެ ކުރިން 1970ގެ އަހަރުތަކުގައި "ވޮންޑާ ވުމަން" ސީރީޒް ގައި ވޮންޑާ ވުމަން ގެ ރޯލް އަދާކުރި ލިންޑާ ކާޓާވެސް ވަނީ ގަލް އަށް ތައުރީފްކޮށްފަ އެވެ. "ވޮންޑާ ވުމަން" 1984 ގައި ގޮޑަސް އެސްޓީރިއާގެ ގޮތުގައި ކެމިއޯއަކުން ފެނެއެވެ. އަދި "ވޮންޑާ ވުމަން" ގެ ތިން ވަނަ ފިލްމުގައިވެސް ލިންޑާ ފެންނާނެއެވެ.