ހުއްދަ ނަގައިގެން ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް ރައްޔިތުން މަޖިލީހުން ފާސްކޮށް ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވާ ބިލް ތަސްދީގު ކުރެއްވުމަށްފަހު އަލުން އިސްލާހުކުރުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން ނިމިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ފާސްކުރި ކުނި މެނޭޖްކުރުމުގެ ބިލްގައިވާ ގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ހަދައި އާންމުކުރާ ގަވައިދެއްގެ ދަށުން ހުއްދައަށް އެދުމުން ހަކަތަ އުފެއްދުމުގެ ބޭނުމަށް ރާއްޖެއަށް ކުނި އެތެރެ ކުރުމުގެ ހުއްދަ ލިބޭނެ އެވެ. މިގޮތުން މިބިލަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ކުނި އެތެރެކުރުން ހުއްދަކުރުމުގެ ގަވައިދު ހަދައި އާންމުކުރަން ޖެހެ އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހް ވިދާޅުވީ ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް އެ ބިލުގައި އޮތް މާއްދާއަށް ތާއީދު ނުކުރާ ކަމަށެވެ. އަދި މަޖިލީހުގެ އާ ދައުރު ފެށުމާއިއެކު އިސްލާހުކުރުމަށް ހުށަހަޅާނެ ކަމަށެވެ.
"އެ ބިލަށް ގެނެވިފައި އެވާ ބަދަލަކީ އަޅުގަނޑުމެން މިނިސްޓްރީން ހުށަހެޅި ބަދަލެއް ނޫން. އެ މާއްދާ އިސްލާހުކުރަން އަޅުގަނޑުމެން ހުށަހަޅާނަން،" އަލީ ސޯލިހް ވިދާޅުވި އެވެ.
މީގެ އިތުރުން ބަދަލުތަކާއިއެކު މަޖިލީހުން ފާސްކޮށްފައިވާ ބިލުގައި ރަނގަޅު ކަންތައްތަކެއްވެސް ހިމަނާފައިވާ ކަމުގައި ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް ބިލް ފާސްކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށް ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް ކެމްޕޭންގެ އިތުރުން ޓްރާންސްޕޭރަންސީ މޯލްޑިވްސް ހިމެނޭހެން 17 ޖަމިއްޔާއަކުން ގުޅިގެން ވަނީ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ދިވެހި ސަރުކާރުން ފަށާފައިވާ "ވޭސްޓު ޓު އެނާޖީ" މަޝްރޫއަކީ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މަޝްރޫއެއް ނޫން ކަމަށާއި މިކަމުގައި ގިނަ ފަންނީ އަދި މާލީ ދަތިތަކެއް ހުރި ކަމަށެެވެ. އަދި ބޭރުގެ ކޮންޓްރެކްޓަރުންނާއި ކުންފުނިތަކުން ކުނި އުކާލަން ގެންގުޅޭ ތަނަކަށް ރާއްޖެ ހަދައިގެން ނުވާނެ ކަމަށާއި މިކަމަށް ގަވައިދެއް ހަދަންޖެހޭ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ސަރުކާރުން ފުރަތަމަ މަޖިލީހަށް ކުނި މެނޭޖުކުރުމުގެ ބިލް ހުށަހެޅިއިރު ރާއްޖެއަށް ކުނި އެތެރެކުރުން އޮތީ މަނާ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ގިނަ ގައުމުތަކަކަށް މިހާރު ވެސް ކުންޏަކީ ބޭނުންތެރި އެއްޗެއް ކަމަށާއި އޭގެއިން ހަކަތަ އުފެއްދޭނެ ކަމަށް ބުނެ ކޮމިޓީ މަރުހަލާއިގައި ވަނީ ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް ބިލް އިސްލާހުކޮށްފަ އެވެ.
ކުނި ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ ޕްލޭނެއް ދިވެހި ސަރުކާރުން ގެންގުޅޭއިރު ބިލް މިހާރު އޮތް ގޮތުން އެފަދަ ބޭނުމަކަށް ބޭނުންވާ ކުނި ލިބުން ދަތިވެއްޖެ ހާލަތެއްގައި ކުނި ލިބޭނެ އިންތިޒާމުތައް ފަސޭހަކަމާއިއެކު ހަމަޖެހޭނެ ކަމަށްވެސް ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވެފައިވެ އެވެ.