ފިނިޕޭޖް

"ފްލޭޝް" ފިލްމް ރިލީޒްކުރުން އަވަސްކޮށްފި

ޑީސީގެ "ފްލޭޝް" ހަލުވިކަމާއެކު ޖޫން 16، 2023 ގައި ސިނަމާތަކަށް އަންނާނެ އެވެ.

މި ފިލްމް ރިލީޒްކުރުން އެއް ހަފްތާ އަވަސްކުރުމުން ޑިޒްނީގެ "އިންޑިއާނާ ޖޯންސް އެންޑް ދަ ޑައަލް އޮފް ޑެސްޓިނީ" ރިލީޒްކުރުމާ ދެމެދު ވަގުތު އިތުރުވެ "ފްލޭޝް" ބޮކްސް އޮފީހުގައި ހިނގުމަށް ފުރުސަތު އިތުރުވެގެން ދާނެ އެވެ.

އެންޑީ މުޝޭޓީ ޑައިރެކްޓްކުރާ "ފްލޭޝް" ގައި ފްލޭޝް/ބެރީ އެލަން ގެ ރޯލް އަދާ ކުރަނީ އެޒްރާ މިލާއެވެ. 1989 ގައި އާއި 1992 ގައި ބެޓްމޭންގެ ރޯލް ކުޅުނު މައިކަލް ކީޓަން އޭގެ ފަހުން ފުރަތަމަ ފަހަރަށް ބެޓްމޭންގެ ގޮތުގައި މި ފިލްމުން ފެނިގެންދާއިރު ޑީސީގެ އެކްސްޓެންޑެޑް ޔުނިވާސްގައި ބެޓްމޭންގެ ރޯލް އަދާކުރި ބެން އެފްލެކްވެސް ފެންނާނެ އެވެ. މީގެ އިތުރުން ސުޕާގާލްގެ ގޮތުގައި ސާޝާ ކޯލް މި ފިލްމުން ތައާރަފްކުރާނެ އެވެ.

އެޒްރާ މިލާ "ފްލޭޝް" ގެ ގޮތުގައި ފެނިފައިވަނީ 2016 ގައި ނެރުނު "ބެޓްމޭން ވާސަސް ސުޕާމޭން: ޑޯން އޮފް ޖަސްޓިސް" އިންނާއި 2017 ގައި ނެރުނު "ޖަސްޓިސް ލީގް" އިންނެވެ.

ހާއްސަކޮށް ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި އެޒްރާގެ ކޮންޓްރަވާޝަލް އަމަލުތަކަށް މީޑިއާގެ އާއި މީހުންގެ ފާޑު ކިއުން ރައްދުވެފައިވެއެވެ. މައްސަލަތަކުގައި ކޯޓަށްވެސް ހާޒިރުކޮށްފައިވެއެވެ. އޮގަސްޓް 15، 2022ގައި އެޒްރާ ވަނީ މައާފަށް އެދި އޭނާގެ ނަފްސާނީ މައްސަލަތަކަށް އެހީ ހޯދާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.