ނަށަން ޖެހިއްޖިއްޔާ އަދިވެސް ނަށާނެ ކަމަށާއި، ކުޅުންތެރިންނާ އެކު ނެށުމުގައި ބައިވެރިވީ ޓީމުގެ އެއްބައިވަންތަކަން ދައްކުވައިދޭން ކަމަށް ބްރެޒިލް ކޯޗު ޓީޓޭ ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ބްރެޒިލުން 4-1 އިން ދެކުނު ކޮރެއާ ބަލިކުރި މެޗުގައި ބްރެޒިލްގެ ކުޅުންތެރިން ވަނީ ގޯލު ޖެހުމަށް ފަހު ނަށައިފަ އެވެ. އަދި، ކޯޗު ޓީޓޭ ވެސް އެއްފަހަރު ނެށުމުގައި ބައިވެރިވެފައިވެ އެވެ. ބްރެޒިލްގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު ނަށާތީ ފާޑުކިޔުން ވެސް އަންނަނީ އަމާޒުވަމުންނެވެ.
ރަނގަޅު ފޯމެއްގައި އޮތް ބްރެޒިލް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ޓީޓޭ ބުނީ ބްރެޒިލްގެ ތާރީހާއި ސަގާފަތް ނޭނގޭ މީހުން ދައްކާ ވާހަކައާ ގުޅިގެން އޭނާ މާފަށް ނޭދޭނެ ކަމަށެވެ.
"އެއީ ޒުވާން ޖީލާ އަހަރެންނާ އޮންނަ ގުޅުމެއް. އެއީ އަހަރެންގެ ކާފަ ދަރީން ކަހަލަށް ކުދިން. އެކުދިންނާ އެކު އޮންނަ ގުޅުން ރަނގަޅު ކުރަން ޑާންސް ކުރަން ޖެހިއްޖިއްޔާ އަދިވެސް އެކަން ކުރާނަން" ބްރެޒިލަށް އުފަން އުމުރުން 61 އަހަރުގެ ކޯޗު ބުންޏެވެ.
ދެކުނު ކޮރެއާ ކޮޅަށް ގޯލު ޖެހުމަށް ފަހު ބްރެޒިލްގެ ވީނިޝަސް ޖޫނިއާ އާއި ނޭމާ ވަނީ އެޓީމުގެ އެހެން ކުޅުންތެރިންނާ އެކު ނަށައިފަ އެވެ. އަދި އޭގެފަހުން ރިޗާލިސަން ވަނީ ގޯލު ޖެހުމަށް ފަހު އޭނާގެ ނެށުމުގައި ކޯޗު ބައިވެރިކޮށްފަ އެވެ.
ގޯލު ޖެހުމަށް ފަހު ބްރެޒިލް ކުޅުންތެރިން ނަށާތީ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ރޯއީ ކީން ބުނީ އެއީ އިހްތިރާމް ކުޑަ އަމަލެއް ކަމަށެވެ.
"ބްރެޒިލްގެ ތާރީހާއި ސަގާފަތް ނޭނގޭ ބަޔަކަށް އަހަރެން ދޭނެ ޖަވާބެއް ނެތް. ގޯލު ޖެހުމަށް ފަހު ނަށާނެ ބައިވަރު ކުދިން މިހާރުވެސް ބްރެޒިލްގައި ތިބޭނެ. ބްރެޒިލްގެ ސަގާފަތަކީ އެއީ. އެއީ ބަޔަކަށް އިހްތިރާމް ކުޑަކުރުމެއް ނޫން. އެއީ ބްރެޒިލް އެކަންކުރާ ގޮތް" މީޑިއާ އިން ކުރި ސުވާލަށް ޖަވާބުދެމުން ޓީޓޭ ބުންޏެވެ.
ބްރެޒިލަށް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އެންމެ ފަހުން ލިބުނީ 2002 ވަނަ އަހަރު އެވެ. 20 އަހަރު ފަހުން ގަތަރު ވޯލްޑް ކަޕާ އެޓީމު ކުރިމަތިލީ ފޭވަރިޓުންގެ ގޮތުގަ އެވެ. މިފަހަރުގެ މުބާރާތުގައި ބްރެޒިލް ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އެޓީމުން ހަ ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ.
ކުއާޓާ ފައިނަލުގައި ބްރެޒިލް އާއި ކްރޮއޭޝިއާ ވާދަކުރާ މެޗު ފަށާނީ މިރޭ އަށެއް ޖަހާއިރު އެވެ.