ކުޅިވަރު

އެއްވަނަ ހޯދައި ދީމާ އޭޝިއާގެ ކޮލިފައިން ބުރަށް

ވޯލްޑް ޗެމްޕިއަންޝިޕްގެ ދެކުނު އޭޝިއާގެ ކޮލިފައިން ބުރުގެ ގްރޫޕުގެ އެއްވަނަ ހޯދައި، އޭޝިއާގެ ކޮލިފައިން ބުރަށް ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ ދަތުރުކޮށްފި އެވެ.

ދިމާ މިހާރު ވާދަކުރަމުން އަންނަނީ ނޭޕާލުގެ ކަތުމަންޑޫގައި ކުރިއަށްދާ ސައުތު އޭޝިއަން ރީޖަނަލް ކޮލިފައިން ބުރުގަ އެވެ. ދީމާ ގްރޫޕުގެ އެއްވަނަ ކަށަވަރުކުރީ ދެ މެޗުން ވެސް މޮޅުވެގެންނެވެ. ދީމާ ވަނީ މިއަދު ސްރީ ލަންކާގެ މަނީޝާ ޝަލިންޑީއާ ވާދަކޮށް ތިން ގޭމުން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 11-8، 11-9 އަދި 11-6 އިންނެވެ. މި ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުގައި ދީމާ ވަނީ ނޭޕާލުގެ ދެވަނަ ކުޅުންތެރިޔާ އެލީނާ މަހަރާޖަން ބަލިކޮށްފަ އެވެ. އެ މެޗު ވެސް ދިމާ ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ.

ހަތް ގައުމުން ވާދަކުރާ ދެކުނު އޭޝިއާގެ ކޮލިފައިން ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 16 ކުޅުންތެރިން އޭޝިއަން ކޮލިފިކޭޝަނުގައި ވާދަކުރާނެ އެވެ. އޭޝިއާގެ ކޮލިފައިން ބުރު އަންނަ މަހު އޮންނާނީ ގަތަރުގަ އެވެ. އޭޝިއާގެ ގަދަ 26 ކުޅުންތެރިންނަށް ވޯލްޑް ޗެމްޕިއަންޝިޕުން ފުރުސަތު ލިބޭނެ އެވެ. ވޯލްޑް ޗެމްޕިއަންޝިޕް އަންނަ މެއި މަހު އޮންނާނީ ދެކުނު އެފްރިކާގަ އެވެ.

ދީމާއާ އެކު ރާއްޖޭގެ މޫސާ މުންސިފް ވެސް އަންނަނީ ކޮލިފައިންގައި ވާދަކުރަމުންނެވެ. މުންސިފް ގްރޫޕްގައި ހިމެނެނީ ނޭޕާލްގެ ސަންޔޮގް ކަޕާލީ އާއި ބަންގްލަދޭޝްގެ ނާފިޒް އިގްބާލް އެވެ. މުންސިފް ވަނީ ގްރޫޕް ސްޓޭޖުގެ ދެ މެޗުން ވެސް ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް ކުޅުންތެރިޔާއާ ވާދަކޮށް ތިން ގޭމުން ބަލިވިއިރު އޭގެފަހުން ނޭޕާލުގެ ކަޕާލީއާ ވާދަކޮށް ބަލިވީ ތިން ގޭމު އެއް ގޭމުންނެވެ.