ފިނިޕޭޖް

"ވިކެޑް" ފިލްމްގައި މިޝޭލް ޔޯ

މިޝޭލް ޔޯ އޯޒްއަށް ދަތުރުކުރަނީ އެވެ.

ބްރޯޑްވޭގެ މަޝްހޫރު މިއުޒިކަލް "ވިކެޑް" އަށް ދެ ފާޓްގެ މިއުޒިކަލް ފިލްމެއް ޑައިރެކްޓާ ޖޮން އެމް. ޗޫ ހަދަމުންދާއިރު މި ފިލްމުގެ ކާސްޓަށް މިޝޭލް ޔޯ ގުޅިއްޖެ އެވެ.

ގްރެގަރީ މެގުއަޔާ ލިޔުނު "ދަ ލައިފް އެންޑް ޓައިމްސް އޮފް ދަ ވިކެޑް ވިޗް އޮފް ވެސްޓް" ވާހަކައަށް ބިނާ ކޮށްފައިވާ މި ފިލްމް މީގެ މިއުޒިކަލްއާ ކޮންމެވެސް ވަރަކަށް ތަފާތު ވީނަމަވެސް މައިގަނޑު ގޮތެއްގައި ވާހަކަ ދަމަހައްޓާނެ އެވެ.

މި ފިލްމުން ފެނިގެންދާނީ އެލްފާބާ "ވިޒަޑް އޮފް އޯޒް" ގެ ވިކެޑް ވިޗް އޮފް ވެސްޓް އަށް ބަދަލުވާގޮތެވެ. މި ފިލްމްގައި މިޝޭލް ޔޯ އަދާކުރާނީ މެޑަމް މޮރިބަލް، ހެޑް މިސްޓްރަސް އޮފް ކްރޭޖް ހޯލް އޮފް ޝިޒް ޔުނިވާސިޓީގެ ރޯލެވެ. އެލްފާބާގެ ރޯލް ސިންތިޔާ އެވީރޯ އަދާކުރާއިރު، ގްލިންޑާގެ ރޯލް އަދާކުރާނީ ލަވަކިއުންތެރިޔާ އާރިއާނާ ގްރާންޑޭއެވެ. މި ދެތަރިންގެ އިތުރުން ފިޔޭރޯގެ ރޯލުގައި ޖޮނަތަން ބެއިލީ ފެނިގެންދާއިރު، ވިޒަށް އޮފް އޯޒްގެ ރޯލަށް ޖެފް ގޯލްޑްބްލޫމް ގުޅޭނެކަމަށް އަޑު އަރާފައިވެއެވެ.

މި ފިލްމުގެ ކުރިން 2018 ގައި ނެރުނު ކާމިޔާބު "ކްރޭޒީ ރިޗް އޭޝިއަންސް" ފިލްމުގައި ޑައިރެކްޓާ ޗޫ އާއި މިޝޭލް ޔޯ އެއްކޮށް މަސައްކަތްކޮށްފައިވެއެވެ. މިޝޭލް ޔޯ މި އަހަރު "ޑޮކްޓާ ސްޓްރޭންޖް: މަލްޓިވާސް"، "އެވްރިތިންގް، އެވްރިވެއާ، އޯލް އެޓް ވަންސް" އަދި "ސްކޫލް ފޯ ގުޑް އެންޑް އީވަލް" އިން ވަނީ ފެނިފައެވެ.

ޗޫ ބުނީ ވޭތުވެ ދިޔަ އަހަރުތެރޭ ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު، "ވިކެޑް" ގެ ވާހަކަ އެއް ފިލްމަށް ފިއްތާލީމަ، ފިލްމަށް ވަރަށް ގެއްލުން ލިބޭނެކަމަށް ވަރަށް ބޮޑަށް ސާފުވެގެންދިޔަ ކަމަށެވެ.

ލަވައެއް ކަނޑާލަން އުޅުނަސް އަދި ކެރެކްޓާއެއް ހަނިކޮށްލިޔަސް، ވޭތުވެ ދިޔަ އަހަރުތަކުގައި އެންމެން އެންޓަޓޭންކުރަމުން އައި ސޯސް މެޓީރިއަލް ގަޑުބަޑުވޭ.
ޖޮން އެމް. ޗޫ

އޮކްޓޯބަރ 2003 ން ފެށިގެން ބްރޯޑްވޭ ގައި ދައްކަމުންގެންދާ "ވިކެޑް" މިއުޒިކަލްގައި އެލްފާބާ، ގްލިންޑާ އަދި ފިޔޭރޯގެ ރޯލް އަދާކުރަނީ އައިޑީނާ މެންޒެލް، ކްރިސްޓީން ޗެނޮވިތް އަދި ޖޯލް ގްރޭއެވެ. މި މިއުޒިކަލްއަށް ވަނީ ތިން ޓޯނީ އެވޯޑާއި ހަ ޑްރާމާ ޑެސްކް އެވޯޑާއި ގްރެމީ އެވޯޑެއް ލިބިފައެވެ.

"ވިކެޑް" ގެ ފުރަތަމަ ފިލްމް ރިލީޒްކުރާނީ ޑިސެމްބަރު 25، 2024 ގައެވެ. އަދި ދެވަނަ ފިލްމް ރިލީޒްކުރާނީ އެއް އަހަރު ފަހުންނެވެ.