ފިނިޕޭޖް

ނެޓްފްލިކްސްގެ "އެމެރިކަން ޕްރައިމީވަލް"

ނެޓްފްލިކްސްގެ ލިމިޓެޑް ސީރީޒް "އެމެރިކަން ޕްރައިމީވަލް"ގައި ޓޭލާ ކިޝް އެމެރިކަން ވެސްޓަން ސްޓައިލުގައި ފެނިގެންދާނެ އެވެ.

"އެމެރިކަން ޕްރައިމީވަލް" އަކީ އެމެރިކަން ވެސްޓް އުފެދިގެން އައިގޮތް ދައްކުވާދޭ ސީރީޒެކެވެ. އެކި ސަގާފަތްތަކާއި ދީންތަކާއި މުޖުތަމައުތައް ޖެހި، ފިރިހެނުންނާއި އަންހެނުން އެމީހުންގެ މުސްތަގުބަލުކަމުގައި ދެކޭ ބިމަށް ހަނގުރާމަ ކުރާތަން ވެސް ފެންނާނެ އެވެ. ޓޭލާ ކުޅޭނީ އައިސާކްގެ ރޯލެވެ.

މި ސީރީޒްގެ އެހެން ކާސްޓް މެމްބަރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއީ ހަ ޕާޓްގެ ސީރީޒެކެވެ. މި ސީރީޒް ލިޔާނީ އޮސްކާ ލިބުނު ފިލްމް "ރެވެނަންޓް" ލިޔުނު މާކް އެލް. ސްމިތްއެވެ.
މި ސީރީޒް ޑައިރެކްޓްކުރަނީ ޕީޓާ ބާގްއެވެ. ޓޭލާ ވަނީ ޕީޓާއާ އެކު "ފްރައިޑޭ ނައިޓް ލައިޓްސް"، "ލޯން ސަވައިވާ އާއި "ބެޓަލްޝިޕް" ގައި މަސައްކަތްކޮށްފައެވެ. އަދި އަންނަ އަހަރު ނެރޭ "ޕެއިންކިލާ" ގައި ވެސް މި ދެ ފަންނާނުން މަސައްކަތްކުރަމުންދެއެވެ.

ޓޭލާ ކިޝްގެ ފިލްމްތަކުގެ ތެރޭގައި "ދަ ޓާމިނަލް ލިސްޓް"، "ވެކޯ" އާއި "ޓްރޫ ޑިޓެކްޓިވް ސީޒަން 2" ހިމެނެއެވެ.