ފިނިޕޭޖް

ކާންޔޭގެ އޮނަރަރީ ޕީއެޗްޑީ ބާތިލްކޮށްފި

ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި ހަފްސްވަމުންދާ ރެޕާ ކާންޔޭ ވެސްޓް އަނެއްކާވެސް ހަބަރަށް އަރައިފި އެވެ.

މިފަހަރުގެ ހަބަރަކީ ކާންޔޭގެ އަމަލުތަކާ ގުޅިގެން ސްކޫލް އޮފް ދި އާޓް އިންސްޓިޓިއުޓް ޝިކާގޯ އިން އޭނާއަށް 2015 ވަނަ އަހަރު ދީފައިވާ އޮނަރަރީ ޕީއެޗްޑީ ބާތިލްކުރުމެވެ.

އެސްއޭއައިސީ ޝިކާގޯ އިން ސަން ޓައިމްސްއަށް ދިން ބަޔާނުގައި ބުނީ ކާންޔޭ އެންޓި-ބްލެކް، އެންޓި-ސެމައިޓެކް، ރޭސިސްޓް އަދި ނުރައްކާތެރި ބަސްތައް ހާއްސަކޮށް ކަޅު ނަސްލުގެ މީހުންނާއި ޔަހޫދީންނަށް ނިސްބަތްވާ ގޮތަށް ދައްކަމުންދާ ވާހަކަތަކަކީ އެ ސްކޫލްގެ އަމާޒާއި ވެލިއުސްތަކާ ހިލާފު ކަމެއް ކަމަށްވާތީ ކާންޔޭއަށް ދީފައިވާ އޮނަނަރީ ޑޮކްޓަރޭޓް ބާތިލްކޮށްފައިވާ ކަމަށެވެ.

އެސްއޭއައިއޭ އިން މި ނިންމުން ނިންމާފައިވަނީ ޗޭންޖް.އޯގްގައި އެ ސްކޫލްގެ ކޮމިއުނިޓީއަކުން ޕެޓިޝަނެއް ހެދުމުންނެވެ. ބުރާސްފަތި ދުވަހާ ހަމައަށް އެ ޕެޓިޝަންގައި 4148 މީހުން ސޮއިކޮށްފައިވެ އެވެ.

ކާންޔޭގެ ނަފްރަތާއި ނަސްލީ ތަފާތުކުރުމާއި ހަމަނުޖެހޭ ޕޯސްޓްތަކާ ގުޅިގެން ޓްވިޓާއި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ އެޕްލިކޭޝްތަކުގައި އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ކާންޔޭގެ އަމަލުތަކާ ގުޅިގެން ގެޕް އިންނާއި އަޑިޑާސްއިންވެސް ވަނީ ކާންޔޭއާ އެކު ހަދާފައިވާ ކޮންޓްރެކްޓްތައް ބާތިލްކޮށްފަ އެވެ.