ފިނިޕޭޖް

ޑޮލީ ޕާޓަން ޓިކްޓޮކަށް

އެމެރިކާގެ ކަންޓްރީ ލަވަކިއުންތެރިޔާ އަދި ފިލްމީ ތަރި ޑޮލީ ޕާޓަން ޓިކްޓޮކް އެކައުންޓެއް ހުޅުވައިފި އެވެ.

އުމުރުން މިހާރު 76 އަހަރުގެ ޑޮލީގެ އެންމެ ފުރަތަމަ ޕޯސްޓަކީ އޭނާގެ އެކި ވީޑިއޯތަކުގެ މޮންޓާޖެއް "ހަލޯ ޓިކްޓިކް، އިޓްސް ޑޮލީ" އިން ނިންމާލާ ވީޑިއޯއެކެވެ.

ޑޮލީގެ ޑެބިއު އަލްބަމަކީ "ހަލޯ، އިޓްސް ޑޮލީ" އެވެ. އަދި ފުރަތަމަ ޕޯސްޓްގެ ކެޕްޝަންގައި ލިޔެފައިވަނީ "އައި ހެވް އެރައިވްޑް" އެވެ.

ދެން ޑޮލީ ޕޯސްޓްކުރީ ފޭނުންނާ ބައްދަލުކުރާ ތަނާއި ޑޮލީގެ އެކި ސޯޝަލް މީޑިއާތަކުގައި ފެނިފައިވާ ގޮތާއި ޓިކްޓޮކްގައި ޑޮލީގެ ލަވަތައް ކަވަރު ކޮށްފައިވާ ފޭނުންނަށް ޓްރިބިއުޓަކާއި ޑޮލީގެ ފިލްމް "9 ޓު 5" ގެ ސެޓެވެ.

މި ފިލްމްގެ ލަވައެއް ދާދި ފަހުން ޑޮލީ ވަނީ ކެލީ ކްލާކްސަންއާ އެކު ޕާފޯމްކޮށްފަ އެވެ.

މި ޕޯސްޓްތަކާ އެކު ޑޮލީ ރަސްމީކޮށް ޓިކްޓޮކާ ގުޅުނު ކަމަށާއި "ބެޓާ ލޭޓް ދޭން ނެވާ" ލިޔެފައި ޕޯސްޓް ކުރި އެވެ.

ޑޮލީ، މައިލީ ސައިރަސްއާއެކު މިމަހުގެ 31 ގައި އޮންނަ އެންބީސީގެ އެނުއަލް ނިއު އިޔާސް އީވް ސްޕެޝަލްގައި ޕާފޯމް ކުރާނެ އެވެ.

ޑޮލީ އަކީ ލަވަކިޔުމާއި ފިލްމު ކުޅުމުގެ އިތުރުން ޑޮލީވުޑް ކުންފުނި ހިންގާ، ވާހަކަ ލިޔެ، ފިލެންތްރޮޕީއަށް ލޯބިކުރާ މީހެކެވެ. އެގޮތުން ޑޮލީ ކޯވިޑް ވެކްސިން ތަރައްގީކުރުމަށް އެއް މިލިއަން ޑޮލަރުގެ އެހީވެ، އެފަދަ އެހީއެއް ވެވޭނެ ހުރިހާ ފަރާތްތަކަށް އެހީވުމަށްވެސް ގޮވާލި އެވެ. ޑޮލީގެ އެހީ ވެސް ހިމެނޭ ގޮތުން މޮޑާނާ ވެކްސިން ވަނީ އުފައްދާފަ އެވެ.