ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާޒްގެ ފިރިމީހާ މޮޑެލް އަދި އެކްޓަރު ސޭމް އަސްގަރީ އެދެނީ ބްރިޓްނީގެ ފޭނުން ޕްރައިވެސީއަށް އިހްތިރާމްކުރާށެވެ.
ސޭމްގެ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓުކުރި މެސެޖެއްގައި ބުނެފައިވަނީ ބްރިޓްނީގެ ސޯޝަލް މީޑިއާގެ ހަރަކާތްތައް އެވަރަށް ފާހަގަކުރުން މަޑުޖައްސާލުމަށެވެ. އަދި ބައެއް ފަހަރު ބްރޭކެއް ނެގުމަކީ ރަނގަޅު ކަމެއް ކަމަށާއި ބްރިޓްނީ އަކީ އަމިއްލަ އަޑެއް އޮންނަ މިނިވަން އަންހެނެއް ކަމަށް ސޭމް ބުންޏެވެ.
އޭނާ ބުނީ ބްރިޓްނީއަށް ކުރާ އިހްތިރާމާ ހެދި 24 ގަޑިއިރު ބްރިޓްނީއާ ބެހޭގޮތުން ޕޯސްޓްތައް ކުރަން ބޭނުންނުވާ ކަމަށާއި ޕޯސްޓެއް ކޮށްފައި ހުންނާނީ އިޒުނަ ހޯދުމަށްފަހު ކަމަށެވެ.
ބްރިޓްނީ ވަނީ މިމަހުގެ ދެވަނަ ދުވަހު އޭނާގެ ކޮއްކޮ ޖޭމީ ލީން ސްޕިއާޒްގެ ދެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ލޯބިވާ ކަމަށް ލިޔެފަ އެވެ.
ޖޭމީ އާއި ބްރިޓްނީ މައްސަލައަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތައް ހިއްސާކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި އޭގެ ހަތަރު ދުވަސް ފަހުން ބްރިޓްނީގެ އެކައުންޓް ޑީއެކްޓިވޭޓް ކޮށްފައި ދެ ދުވަސް ފަހުން އަލުން އެކްޓިވޭޓްކުރި އެވެ. މިކަމާ ގުޅިގެން ބްރިޓްނީގެ އެކައުންޓް ބަލަހައްޓަނީ ކާކުތޯ ދަނީ ސުވާލު ކުރަމުންނެވެ.
މީގެ ކުރިން ބްރިޓްނީގެ ހަޔާތުގައި ކުރިމަތިވި ކަންތައްތަކަކާ ގުޅިގެން އޭނާ ވަނީ ބްރޭކްޑައުންވެ، ޒިންމާދާރުކަން ކުޑަ އަމަލުތަކެއް ކުރުމުން އެކި ފަހަރު މަތިން ނަފުސާނީ ބައްޔަށް ބޭސްކުރާ ސެންޓަރުތަކުގައި އެޑްމިޓްކޮށްފަ އެވެ. ކުރުކޮށް ބުނާނަމަ 2008 ގައި ބްރިޓްނީގެ ބައްޕަ އާއި ލޯޔާރާއި މެނޭޖަރު ކޯޓަށް ގޮސް، ބްރިޓްނީ ސިއްހީ ގޮތުން ރަނގަޅު ނޫން ކަމަށް ސާބިތުކޮށް، ބްރިޓްނީގެ އެސެޓްތަކާއި ނަފްސުގެ ކޮންސަވޭޓާޝިޕް ހޯދާފަ އެވެ. ބްރިޓްނީ ތުހުމަތު ކުރާ ގޮތުގައި އޭނާގެ ބައްޕަ އެގޮތަށް އަމަލުކުރީ ފައިސާގެ ދަހިވެތިކަމުގައި އޭނާ އަށް އަނިޔާ ކުރާށެވެ.
ކޯޓުން ބްރިޓްނީގެ ކޮންސަވޭޓާޝިޕް އުވާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.
ބްރިޓްނީގެ ހަޔާތައް ބަލާއިރު އޭނާގެ އަބުރު އިއްޒަތް ގެއްލޭ އެތައް ކަމެއް މިދިޔަ ދުވަސްތަކުގައި ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.