ރާއްޖެ ކުޅިވަރު

ފަހު ވަގުތު ލަޔަންސް ބަލިކޮށް، މާޒިޔާ ފެށުން ރަނގަޅުކޮށްފި

މެޗުގެ ފަހު މިނިޓުގައި އަމްދާން އަލީ (އެންޑީ) ޖެހި ލަނޑާއެކު، ޕީޕަލްސް ކަޕްގެ ފުރަަތަމަ މެޗުގައި މިއަދު ހަވީރުގެ ސިންގަޕޫރުގެ ލަޔަންސް ޓުވެލް އަތުން 2-1 އިން މޮޅުވެ، މާޒިޔާ ސްޕޯޓްްސް އެންޑް ރެކްރިއޭޝަން އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މެޗުގެ ދެވަނަ 72 ވަނަ މިނިޓުގައި މާޒިޔާ އިން ލީޑު ހޯދީ ސްޕެއިންގެ ފޯވަޑް ޕަބްލޯ ރޮޑްރިގޭޒް ޖެހި ލަނޑުންނެވެ. ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ތިރިތިރިން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ޕަބްލޯ ވަނީ ގޯލަށް އަމާޒުކޮށްލައިފި އެވެ.

އެކަމަކު އޭގެ 10 މިނިޓު ފަހުން ލަޔަންސް އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ހިލޭޖެހުމަަކުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ލަޔަންސްގެ ކުޅުންތެރިއެއް ހުރަސްކޮށްލި ބޯޅަ، ގޯލުގެ ތެރެއަށް ވައްދާލީ އެ ޓީމުގެ މިޑްފީލްޑަރު މަދޫ މޮހާނާ އެވެ.

މެޗުގެ ފަހު މިނިޓުގައި މާޒިޔާ އަށް ލިބުނު ކޯނަރަކުން އަހުމަދު ނާޝިދު (ނާއްޓޭ) ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ޕަބްލޯ ބޮލުން ގޯލު ކުރިމައްޗަށް ޖައްސާލުމުން، އޭރިޔާ ތެރެއިން އެންޑީ ވަނީ ބޮލުން ގޯލަށް ބޯޅަ އަމާޒުކޮށްލަައިފަ އެވެ.

މި މެޗުގެ ފުރަަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، ލަނޑު ޖަހަން ރަނގަޅު ފުރުސަތުތައް ލިބުނީ ލަޔަންސް އަށެވެ.

މެޗުގެ އަށް ވަނަ މިނިޓުގައި މާޒިޔާގެ މުހައްމަދު އިރުފާނަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ބޮލުން އޭނާ ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ.

މެޗުގެ 15 ވަނަ މިނިޓުގައި ލަޔަންސްގެ  ކުޅުންތެރިއެއް ބޮލުން ފޮނުވާލި ބޯޅަ، އިރުފާން ގޯލުގެ ރޮނގުމަތިން ސަލާމަތްކުރިއިރު، އޭގެ ތިން މިނިޓު ފަހުން ލަޔަންސްގެ ހައިރުލް ފޮނުވާލި ނުރައްކާތެރި ބޯޅަ މާޒިޔާގެ ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ ދިފާއުކޮށްފަ އެވެ.