ދުނިޔެ

ދުބާއީގެ ހޮޓެލްގައި އަލިފާން ރޯވީ ކަރަންޓު ޝޯޓެއްގެ ސަބަބުން: ޕޮލިސް

އާ އަހަރު ފާހަގަ ކުރުމަށް ދުބާއީ ތައްޔާރުވެފައި ވަނިކޮށް ދުނިޔޭގެ އެންމެ އުސް އިމާރާތް، ބުރުޖް ހަލީފާ ކައިރީގައި ހުރި އުސް ހޮޓަލެއް ކަމަށްވާ "ދަ އެޑްރެސް ހޮޓަލް"ގައި އަލިފާން ރޯވީ، ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.

އެމިރެޓްސް ޗީފް އޮފް ޕޮލިސް މޭޖަރ ޖެނަރަލް ޚާމިސް އަލް މުޒެއިނާ ވިދާޅުވެފައިވަނީ، އާ އަހަރަށް ތައްޔާރުވެފައިވަނިކޮށް ހޮޓެލްގައި ރޯވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ ތަހުގީގު އެނގުނު ގޮތުގައި ކަރަންޓު ޝޯޓުވެފައިވަނީ ހޮޓެލްގެ 14 ވަނަ ފަންގިފިލާގަ ކަމަށެވެ.

ޓޫރިސްޓުންގެ މެދުގައި މަގުބޫލް ދުބާއީ މޯލްއާ ޖެހިގެން ހުންނަ އެ ހޮޓަލަކީ 60 ބުރީގެ ހޮޓަލެކެވެ. ގާތްގަނޑަކަށް 300 މީޓަރު އުސް އެ ހޮސްޓަލްގައި ރޯވި އަލިފާނުގައި 16 މީހަކަށް އަނިޔާވި ކަމަށް ދުބާއީ މީޑިއާ އޮފީހުން ބުނެ އެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކޮށް ނޭވާ ހާސްވި މީހުންނާއި ހޮޓަލުން ނިކުންނަން އުޅުމުގެ ތެރޭގައި މީހުން ގިނަވެ ހާނިކަވި މީހުން ހިމެނޭ ކަމަށް ބުންޏެވެ.

އާ އަހަރަށް މަރުހަބާ ކިޔަސް ދުބާއީގައި އަރުވާ ބޮޑުވާ ހަވާގެ ހިތްގައިމު މަންޒަރު ބަލައިލުމަށް އެތައް ހާސް ބަޔަކު ޖަމާވެފައިވާ ސަރަހައްދުގައި ހުރި އެ ހޮޓަލްގައި އަލިފާން ރޯވެ އަނދަން ފެށިތާ އިރުކޮޅެއް ނުވެ ހޮޓަލުގެ ބައެއް ބައިތައް ބުރައިގެން އައުމާއި، ދުމާއި އަޅިތައް ބޮޑު ސަރަހައްދަކަށް ފެތުރުނެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރަން އަލިފާން ނިއްވާޓީމުތަކުން މަސައްކަތް ކުރަމުން ދަނިކޮށް 10 ވަރަކަށް މިނެޓް ތެރޭގައި މުޅި ހޮޓަަލަށް އަލިފާންގަނޑު ފެތުރުނެވެ.