ހަބަރު

ރާއްޖޭގައި ބޭނުން ކުރާ އިންޖެކްޝަނަކާއި ބޭސްތަކެއް ބޭނުން ނުކުރަން އަންގައިފި

ރާއްޖެއަށް އެތެރެކޮށް ބޭސްފިހާރަތަކުގައި ވިއްކަމުން ގެންދާ ބޭސްތަކަކާއި އިންޖެކްޝަނެއް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ. އެކަން އަންގާފައިވަނީ އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައެވެ.

އިއުލާނުގައިވާ ގޮތުން އެ އޮތޯރިޓީން ދަނީ ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމުގެ ގޮތުން ބޭސް ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ އޮތޯރިޓީން ވަނީ ފުރަތަމަ މަރުހަލާގައި އެސެންޝިއަލް މެޑިސިން ލިސްޓްގައި ހިމެނޭ ބޭސްތަކުގެ ތެރެއިން އާންމުކޮށް ބޭނުންކުރާ ބޭސް ރެންޑަމްކޮށް ނަގައި ޓެސްޓްކޮށްފަ އެވެ.

ޓެސްޓްތަކުން އެ އޮތޯރިޓީއަށް ބައެއް ބޭހަކީ ބޭނުން ކުރުން ރައްކާތެރި ބޭސްތަކެއް ނޫން ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން އެމްއެފްޑީއޭ އިން ބޭނުން ނުކުރުމަށް އަންގާފައިވާ ބޭސްތަކަކީ "Azileb-250mg" ގެ ބެޗް ނަންބަރު "T-524" އާއި "L-Trim DS - 800mg ،160mg" ގެ ބެޗް ނަންބަރު "T-4853" އަދި "Azeet – 500mg" ގެ ބެޗް ނަންބަރު "AZFT1402" އެވެ.

އެމްއެފްޑީއޭ އިން ބުނީ އެ ބޭސްތައް ތަހުލީލްތަކުން ފެއިލްވެފައިވާތީ އެ ބޭސްތަކުގެ ތެރެއިން ފެއިލްވެފައިވާ ބެޗްގެ ބޭސްތައް އެ މައްސަލަ އިތުރަށް ބަލައި އިންވެސްޓިގޭޓްކޮށް ވަކި ގޮތަކަށް ނިމެންދެން އެ ބްރޭންޑްތަކުގެ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއް ކަމަށެވެ.

މި ބޭސްތަކުގެ އިތުރުން އިންޑިއާގެ ކުންފުންޏެއް ކަމަށްވާ "Acme Lifescience,India" ގެ އުފެއްދުމެއް ކަމަށްވާ "Hycimax Injection 20 mg/ml އާ ގުޅޭ ގޮތުން ޝަކުވާތަކެއް އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ. އެ އޮތޯރިޓީން އިންޖެކްޝަން ބެލި ބެލުމުން އާއްމު ސިއްހަތަށް ގެއްލުންވާ ކަންކަން އެ އިންޖެކްޝަނުގައި ހުރުމާއި ގުޅިގެން އެކަން އިތުރަށް ބަލަމުންދާ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ. އެހެންކަމުން އިންޖެކްޝަން އިތުރަށް ބަލައި ތަހުލީލްކޮށް ވަކި ގޮތަކަށް ނިންމަންދެން "Acme Lifescience,India" އުފައްދާ ހުރިހާ ސްޓްރެންތެއްގެ "Hycimax" އިންޖެކްޝަން އަދި ގުޅަ ބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭ އިން ވަނީ އަންގާފައެވެ.