ފިނިޕޭޖް

ރީސް ވިދާސްޕޫން އަނެއްކާ ޓްރޭސީ ފްލިކްގެ ރޯލަށް

ރީސް ވިދާސްޕޫން އަނެއްކާވެސް ޓްރޭސީ ފްލިކްގެ ރޯލަށް އަންނަނީ އެވެ.

ޕެރަމައުންޓް ޕިކްޗާސް އިން 1999ގައި ނެރުނު ހައި ސްކޫލް ކޮމެޑީ "އިލެކްޝަން" ގައި ރީސް ވިދާސްޕޫންގެ ރޯލް، ޓްރޭސީ ފްލިކް އަކީ ވަރަށް އެމްބިޝަސް، ކުރިއަރަން ބޭނުންވާ އަދި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރާ ހައި ސްކޫލް ސްޓޫޑެންޓެކެވެ.

އޭނާ ސްކޫލްގެ ކްލާސް ޕްރެސިޑެންޓްގެ މަގާމު ހޯދުމަށް ކެނޑިނޭޅި ކެމްޕޭންކޮށް، ކަޕްކޭކްސް ހަދައިގެން އައިސް ކުދިންނަށް ބަހާ، ވަރަށް ހިންގާލައިގެން އުޅެއެވެ. ޓްރޭސީ ދެކެ ފޫހިވާ ސްކޫލް ޓީޗާ ޖިމް މެކްއެލިސްޓާ، ޓްރޭސީ ނުހޮވުމަށްޓަކައި ވޯޓު ގުނުމުގައި ގަނޑުބަނޑު ހަދައި، އެކަން ފަޅާއަރައިގެން ވަޒީފާ ގެއްލި، މުޅި ހަޔާތް ބަރުބާދުވެއެވެ. މި ފިލްމުގައި ޖިމްގެ ރޯލް އަދާކޮށްފައިވަނީ މެތިއު ބްރޮޑަރިކްއެވެ.

"އިލެކްޝަން" ގެ ސިކުއެލް "ޓްރޭސީ ފްލިކް ކާންޓް ވިން" ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ފިލްމްގެ މައިގަނޑު ޕްލޮޓަކީ ސްކޫލެއްގެ އެސިސްޓަންޓް ޕްރިންސިޕަލްގެ މަގާމު އަދާކުރަމުންދާ ޓްރޭސީ އަށް އަނެއްކާވެސް އޭނާ ކޮލިފައިވާ އަދި ހައްގުވާ މަގާމެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރާތަނެވެ.

މި ފިލްމް ޑައިރެކްޓްކުރާނީ "އިލެކްޝަން" ގެ ޑައިރެކްޓާ އެލެކްޒެންޑާ ޕޭންއެވެ. އަދި މި ދެ ފިލްމް ބިނާކޮށްފައިވަނީ ޓޮމް ޕެރޯޓާގެ ވާހަކައަށެވެ.