ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބޮޑު ބަޔަކަށް ވެރިވެ ގަންނަން އިސްރާއިލުން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެ ބިމަކީ 150 ހެކްޓަރުގެ ބޮޑު ބިމެކެވެ.
އިސްރާއިލްގެ އަސްކަރިއްޔާގެ ކޮގެޓް ޔުނިޓުން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން، ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ 150 ހެކްޓަރު ނުވަތަ 370 އޭކަރުގެ ބިމަށް ވެރިވެ ގަތުމަށް އިސްރާއިލުން މިހާރު ކުރަމުން ދަނީ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކަމަށެވެ. އެ ބިމަކީ ފަލަސްތީނުގެ ގަރީހާގެ ދެކުނުން އޮންނަ އުރުދުން ވާދީގެ ބިމެވެ.
ހުޅަނގު އައްސޭރީގެ ބިންތައް އިސްރާއިލުން ފޭރި ގަންނަމުންދާއިރު 150 ހެކްޓަރުގެ މި ބިން އިސްރާއިލުން މިލުކު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނަމުން ދިޔަ ނަމަވެސް އެ ގައުމުގެ ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އިސްރާއިލުގެ ދިފާއީ ވުޒާރާއިން ވަނީ އެކަމާ ގުޅިގެން އެއްޗެއް ބުނަން އިންކާރު ކޮށްފައެވެ.
ފަލަސްތީނުގެ މި ބިމަކީ މިހާރު އެ ގައުމުގެ ރައްޔިތުން ދަނޑުވެރި ކަމަށް ބޭނުންކުރަމުން އަންނަ ބިމެކެވެ. އެ ބިން މިލުކް ކުރުމަށް އިސްރާއިލުން މަސައްކަތް ކުރަމުންދާއިރު 2014 ވަނަ އަހަރު އިސްރާއިލުން ވަނީ ފަލަސްތީނުގެބައިތުލަހުމް ކައިރިން 400 ހެކްޓަރުގެ ބިމެއް ފޭރިގަނެ، އިސްރާއިލްގެ މިލުކަކަށް ހަދާފައެވެ.
އެ ބިން އިސްރާއިލުން މިލުކު ކުރުމާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަކާއި ޖަމިއްޔާތަކެއްގެ ފާޑުކިޔުންތައް އިސްރާއިލަށް ރައްދުވިއެވެ. މިފަހަރު ވެސް އިސްރާއިލުން ފަލަސްތީނުގެ ބިމަށް ވެރިވެ ގަނެއްޖެނަމަ ފާޑުކިޔުންތައް އަމާޒުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.