ދުނިޔެ

އެމެރިކާ އާއި ކެނެޑާ އިން އީރާންގެ އޮފިޝަލުންތަކަކަށް ފިޔަވަޅު އަޅައިފި

އިންސާނީ ހައްގުތަކާއި ހިލާފްވި ކަމަށް ތުހުމަތުކޮށް އިރާންގެ ތިން އޮފިޝަލަކާ ދެކޮޅަށް އެމެރިކާއާއި ކެނެޑާއާއި ގުޅިގެން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީ އިން ބުނީ އިރާނުގެ ސަރުކާރާއި ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިން ބަންދުގައި ބަހައްޓައިގެން އަނިޔާކޮށްފައިވާ ކަމުގެ ތުހުމަތު އިރާންގެ ތިން އޮފިޝަލުންނަށް ކުރެވޭ ކަމަށެވެ. އެމެރިކާއާއި ކެނެޑާ ގުޅިގެން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންސާނީ ހައްގުތަކާއި ހިލާފާށް މަސައްކަތް ކުރަމުންދާ އިރާނުގެ އޮފިޝަލުންނާއި ދެކޮޅަށް އެ ދެ ގައުމުން ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ.

މިބަޔާނަށްފަހު އެމެރިކާގެ ހާރިޖީ ވަޒީރު އެންތޮނީ ބްލިންކަން ވަނީ އިރާނުގައި ދިރިއުޅޭ ކޮންމެ މީހަކަށްވެސް ހިޔާލުފާޅުކުރުމާއި ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު އޮންނަން ވާނެ ކަމަށް ވިދާޅުވެ ޓްވީޓެއް ވެސް ކުރައްވާފަ އެވެ.

އެމެރިކާ އާއި ކެނަޑާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އިރާނުގެ އޮފިޝަލުންނަކީ އިރާނުގެ ކެރްމަންޝާހް ޕްރޮވިންސުގައި ގާނޫނު ތަންފީޒު ކުރަން މަސައްކަތް ކުރާ ލޯ އެންފޯސްމަންޓް ފޯސަސް (އެލްއީއެފް)ގެ ކޮމާންޑާރެއް ކަމުގައިވާ އަލީ އަކްބަރް ޖަވިދަން އާއި، އިރާނުގެ ވެރިރަށް ތެހެރާންގެ ކައިރީގައިވާ ރެޖައީ ޝަހްރް ޖަލު ބަލަހައްޓަން ހުރި ﷲ ކަރަމް އަޒީޒީގެ އިތުރުން އިރާނުގެ ޗަބަހާރް ސިޓީއަށް ކަނޑައަޅާފައިވާ އެލްއީއެފްގެ ކޮމާންޑަރު އެބްރާހިމް ކޮއުޗަކްޒައީ އެވެ.

ޖަވިދަންއަށް ތުހުމަތުކުރަނީ އޭނާގެ އޯޑަރަށް ތަބާވާ އެލްއީއެފްގެ ފުލުހުން މުޒާހަރާގެ ބައިވެރިންތަކެއް މަރާލި ކަމުގެ ތުހުމަތެވެ. ރެޖައީ ޝަހްރަށް ތުހުމަތުކުރަނީ ސިޔާސީ ކުށްތަކެއްގައި ޖަލުގައި ބައިތިއްބާފައި ތިބި ބަޔަކަށް އަނިޔާކުރުމުގެ ތުހުމަތެވެ. އަދި އެބްރާހިމް ކޮއުޗަކްޒައީ އަށް ތުހުމަތުކުރަނީ 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތެވެ.

އިރާންގެ ތިން އޮފިޝަލުންނާ އެކު ނުވަ ގައުމަކަށް ނިސްބަތްވާ 40 އަށް ވުރެ ގިނަ މީހުންނާ ދެކޮޅަށް އެމެރިކާ އިން މިދިޔަ ހަފްތާގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވެ އެވެ. މީގެތެރޭގައި އުތުރު ކޮރެއާ، ރަޝިއާ، އެލް ސަލްވިޑޯ، ގުއަޓަމާލާ، މާލީ، އަދި ފިލިޕީންސްގެ މީހުން ހިމެނެ އެވެ.