ދުނިޔެ

ޔުކްރެއިންގެ މަތިންދާބޯޓް ވެއްޓި މަރުވި މީހުނަށް އީރާނުން ބަދަލުދެނީ

އީރާނަށް އޮޅިގެން ދެވުނު ހަމަލާއެއްގައި، ޔުކްރެއިންގެ މަތިންދާ ބޯޓެއް ވެއްޓި މަރުވި ހުރިހާ ދަތުރުވެރިންނަށް ބަދަލު ދޭން ނިންމައިފި އެވެ. އީރާންގެ ސަރުކާރުން ހަމަޖައްސާފައި ވަނީ ކޮންމެ މީހަކަށް 150،000 ޑޮލަރު ނުވަތަ އެ ނިސްބަތުން ޔޫރޯ ދިނުމަށެވެ.

މި ހާދިސާއަށް ޖެނުއަރީ 8 ގައި އެއްއަހަރު ހަމަވާނެ އެވެ. ޔުކްރޭނިއަން އިންޓަނޭޝަނަލް އެއާލައިންސް ފްލައިޓް ޕީއެސް752 ވެއްޓިފައި ވަނީ ތެހެރާންގެ އިމާމް ޚާމިނީ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. އެ ބޯޓުން ދަތުރުކުރި 176 މީހުން ވަނީ މަރުވެފަ އެވެ.

މިއީ އިރާނަށް އެރި ވަރަށް ބޮޑު އޮޅުމެއްގައި ދެވުނު ހަމަލާއެކެވެ. މި ހަމަލާ ދެވުމުގެ ދުވަސްކޮޅެއް ކުރިން އެމެރިކާއިން ވަނީ އީރާންގެ ވަރަށް އިސް މިލިޓަރީ ކޮމާންޑަރެއް ކަމަށްވާ ގާސިމް ސުަލައިމާނީ، ބަޣްދާދުގައި އުޅުއްވަނިކޮށް އަވަހާރަ ކޮށްލާފަ އެވެ. މިކަމުން އީރާނަށް ލިބިފައި އޮތް ޝޮކުގެ ބޮޑުކަމުން މުޅި ގައުމު އޮތީ ހަމަލާއަކަށް ތައްޔާރުވެ ވަރަށް ބޮޑަށް ހުޝިޔާރުގަ އެވެ.

އީރާންގެ ކެބިނެޓުން ބުނާ ގޮތުގައި މި ފައިސާ ހުރީ ތައްޔާރަށެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ބަހައި ޚާލާސްކުރުމުގައި ވަކި ނަސްލެއް، ގައުމެއް ތަފާތު ނުކޮށް ފޯރު ކޮށްދިނުމަށް އޮފިޝަލުންނަށް ވަނީ އަމުރު ކޮށްފަ އެވެ.

ކެބިނެޓްގެ ނިންމުމުގަައި ވާގޮތުން ފައިސާގެ ބަދަލެއް ދިނުމަކުން ޝަރުއީ ކޯޓު މަރުހަލާގައި ހިނގަމުންދާ މި ހާދިސާއާ ގުޅުން ހުރި އެއްވެސް މައްސަލައަކަށް ހުރަސް އެޅިގެން ނުވާނެ އެވެ. ކޯޓްތައް ބަރާބަރަށް ހިނގަން ޖެހޭނެ އެވެ.

އީރާންގެ އިދާރާތަކުން ފުރަތަމަ އުޅުނީ ބޯޓް ވެއްޓުން އިރާންއާ ގުޅުމެއް ނެތް ކަމަށް ދެއްކުމަށެވެ. އެހެން ނަމަވެސް، ޕްރެޝަރު ބޮޑުވެ، އެކަމަށް އެއްބަސްވެ ބުނީ ބޯޓު ވެއްޓުނީ އޮޅިގެން ފޮނުވާލެވުނު މިސައިލަކުން ކަމަށެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކެނެޑާގައި ދިރިއުޅޭ އީރާން ދަރިކޮޅު މީހުންނެވެ. އީރާނުން ބުނީ ޖެނުރައީ އަށެއްގެ ކުރިން ފައިސާ ރައްދުކޮށް ދޭނެ ކަމަށެވެ.

އީރާނުން ފަހުން ބުނި ގޮތުގައި ބޯޓް ވެއްޓުނީ ފުލުފުލުން ފޮނުވާލެވުނު ދެ މިސައިލްގެ ސަބަބުންނެވެ.