ދުނިޔެ

ޔުކްރޭނަށް ޑްރޯން ދިނުމަށް ބައިޑެންގެ ސަރުކާރަށް ގޮވާލައިފި

އެމެރިކާގައި އުފައްދާ "ގްރޭ އީގަލް" ޑްރޯން ރަޝިޔާ އާއި ކުރިމަތިލުމަށް ޔުކްރޭނަށް ދިނުމަށް ގޮވާލައިފި އެވެ.

ގްރޭ އީގަލް ޑްރޯން ބޭނުންވާ ކަމަށް ޔުކްރޭން ސަރުކާރުން ވެސް އެމެރިކާއަށް އަންގާފައިވެ އެވެ.

އެމެރިކާގެ ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ 16 ސެނެޓަރުން އެއްބައިވެގެން ރައީސް ބައިޑެން އަށް ފޮނުވި ސިޓީއެއްގައި ގޮވާލާފައިވަނީ ޔުކްރޭން އެދޭ ގޮތަށް ގްރޭ އީގަލް ޑްރޯން އެ ގައުމަށް ފޮނުވައިދިނުމަށެވެ.

ޔުކްރޭނަށް ޑްރޯން ދޭން ބޭނުން ނުވާ ސަބަބުތައް އަންގައިދިނުމަށްވެސް އެދިފައިވެ އެވެ.

ގްރޭ އީގަލް ޑްރޯން ޔުކްރޭނަށް ދީފިނަމަ ރަޝިއާގެ ރުޅިވެރިކަން ބޮޑުވެ ހާލަތު އިތުރަށް ގޯސްވެދާނެތީ މިވައްތަރުގެ ޑްރޯން ޔުކްރޭނަށް ދިނުމަށް އެމެރިކާ ވަރަށް ބޮޑަށް ފަސްޖެހެ އެވެ.

ގްރޭ އީގަލް ޑްރޯން ތަކަކީ ހުއްޓުމެއް ނެތި 24 ގަޑިއިރު މަސައްކަތް ކުރެވޭ އަދި 8،800 މީޓަރުގެ އުސްމިނަށް އުދުހޭ ޑްރޯންތަކެކެވެ.

ރަޝިއާ އިން ޔުކްރޭނަށް ދޭ ހަމަލާތަކުގައި ރަޝިއާގައި އުފައްދާފައިވާ "ކަމިކާޒޭ"ގެ ނަމުން މަޝްހޫރުވެފައިވާ ޑްރޯންތައް އާންމުކޮށް ބޭނުންކުރެ އެވެ.

ޑްރޯން ބޭނުންކޮށްގެން ރަޝިއާ އިން ޔުކްރޭންގެ ހަކަތަ އުފައްދާ ޕްލާންޓްތަކަށް ގެއްލުންދީ ހިދުމަތްތައް ހުއްޓުވަނީ ފިނި މޫސުމުގައި ޔުކްރޭންގެ ވީހާވެސް ގިނަ މީހުން މަރާލުމަށް ރަޝިއާ އިން ބޭނުންވާތީ ކަމަށް ރައީސް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.