ދުނިޔެ

ޕުޓިންއަށް ގުޅުއްވައި ބައިޑަން މަޝްވަރާ ކުރައްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ. ވައިޓް ހައުސްއިން ބުނީ ދެ ގައުމުގެ މަސްލަހަތާ ގުޅުންހުރި މައުލޫތަކަށް ދެ ބޭފުން މަޝްވަރާ ކުރެއްވި ކަމަށެވެ

ދެ ރައީސުން ވާހަކަފުޅު ދެއްކެވި މައުލޫތަކުގެ ތެރޭގައި، އެމެރިކާގެ އިދާރާތަކަށް ދިން ހެކިން ހަމަލާ "ސޯލާވިންޑްސް" ވެސް ހިމެނެ އެވެ. އަފްޣާނިސްތާންގައި އެމެރިކާ ސިފައިންނަށް ރިޝްވަތު ދޭން ރަޝިއާއިން މަސައްކަތްކުރި ކަމަށް ބުނެ ދެކެވޭ ވާހަތަކަށް ވެސް ބައިޑަން އިޝާރާތް ކުރެއްވި ކަމަށް ވައިޓް ހައުސްއިން ބުނެ އެވެ.

"ސްޓްރެޓެޖިކް އާމްސް ރިޑަކްޝަން ޓްރީޓީ" (ސްޓާޓް) އާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. މި އެއްބަސްވުމުގެ މުއްދަތު ފެބްރުއަރީ ފަހެއްގެ ނިޔަލަށް ހަމަވާއިރު، މުއްދަތު އިތުރުކުރުމާ ބެހޭ ގޮތުން ދެކެވުނު ވާހަކަތައް ހަރުދަނާ ކަމަށް ވެސް ވެ އެވެ. މިއީ ދެ ރައީސުން ވެސް ވަރަށް ބޮޑަށް ބޭނުންފުޅުވެ ލައްވާ ކަމެއް ކަމަށް ވަނީ އެނގިފަ އެވެ.

އެމެރިކާގެ ރައިސް ޖޯ ބައިޑަން ރަޝިއާގެ ރައިސް ލަޑިމިއާ ޕުޓިން އަށް ގުޅުއްވައި އިޝާރާތްކުރެއްވި ނުކުތާތައް

ރަޝިއާގެ އިދިކޮޅު ލިޑަރަށް ވިހަ ދިން މައްސަލައަކީ ވެސް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށް ބައިޑަން ޕުޓިންއަށް ދެންނެވި ކަމަށް ވައިޓް ހައުސްއިން ބުނެ އެވެ. އަދި އެމެރިކާގައި 2020 ގައި ހިނގާދިއަ ރިޔާސީ އިންތިހާބަށް ރަޝިއާއިން ހުރަސްއަޅަން އުޅުނު ކަމަށް ބުނާ ވާހަކަތަކަށް ވެސް ބައިޑަން އިޝާރާތް ކުރެއްވި އެވެ.

އެމެރިކާގެ މަސްލަހަލަތު އޮންނަ ކަމެއްގައި އެމެރިކާއިން ބައިވެރި ވާނެ ކަމަށް ބައިޑަން ޕުޓިންއަށް ދެންނެވި އެވެ. ދުނިޔޭގައި ހިނގާ ކަމަކުން އެމެރިކާއަށް ގެއްލުމެއް ވެދާނެ ކަމަށް ލަފާކުރެވޭ ނަމަ ހައްލު ކުރަން އެމެރިކާ މަސައްކަތް ކުރާނެ ކަމަށް ވެސް ދެއްނެވި އެވެ. އޭގެ އިތުރުން ޔުކްރޭންއަކީ ވެސް އެމެރިކާއަށް މުހިންމު ގައުމެއް ކަމަށާއި ހިމާޔަތްކުރާނެ ކަމަށް ބައިޑަން ދެންނެވި އެވެ.