އެމެރިކާ އިން އުފައްދާ މިސައިލުން ދިފާއުވާ ނިޒާމު -- ޔުކްރޭނަށް ފޯރުކޮށްދިނުމަށް އެމެރިކާ އިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.
ޕެޓްރިއޮޓްގެ ނަން ދީފައިވާ މި ސިސްޓަމް މާދަމާގެ ވަގުތެއްގައި ވެސް ޔުކްރޭނަށް ފޯރުކޮށްދެވިދާނެ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެެވެ.
އެމެރިކާ އިން މިސައިލް ޑިފެންސް ސިސްޓަމް ޔުކްރޭނަށް ދީފިނަމަ މިއީ ޔުކްރޭންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް މުހިއްމު ވަސީލަތަކަށް ވާނެ އެވެ. އަދި މިއީ ހުޅަނގުގެ ގައުމުތަކުން ޔުކްރޭނަށް ފޯރުކޮށްދޭ ޒަމާނީ ހަތިޔާރާއި ވަސީލަތްތަކުގެ ތެރެއިން އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މިސައިލް ސިސްޓަމަށް ވާނެ އެވެ.
ވައިޓްހައުސްގެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި އެމެރިކާގެ މިސައިލް ޑިފެންސް ސިސްޓަމް ޔުކްރޭނަށް ފޮނުވުމުގެ ކުރިން ޖަރުމަންގައި ޔުކްރޭން ސިފައިން ތަމްރީން ކުރާނެ އެވެ. ތަމްރީންތަކަށް އެތައް މަހެއް ހޭދަވެދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ޕެޓްރިއޮޓް މިސައިލް ސިސްޓަމް ޔުކްރޭނަށް މުހިއްމު ވަނީ ރަޝިއާއިން ދީފާނެ ކުރު ރާސްތާގެ ބަލިސްޓިކް މިސައިލުތައް ހުއްޓުވުމުގެ ބާރު ލިބޭތީ ކަމަށްވެސް އެމެރިކާގެ އޮފިޝަލުން ވިދާޅުވެ އެވެ.
އެމެރިކާ އިން ބުނާ ގޮތުގައި ޕެޓްރިއޮޓް ސިސްޓަމްގެ ތެރެއިން ދިފާއީ މިސައިލެއް ފޮނުވާލުމަށް ބޭނުންވާނީ އެންމެ ތިން މީހުންނެވެ. ނަމަވެސް މުޅި ސިސްޓަމް އޮޕަރޭޓުކޮށް، މެއިންޓެއިން ކުރުމަށް ގާތްގަނޑަކަށް 90 އެއްހާ މީހުން ބޭނުންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މިސައިލުން ދިފާއުވާ ނިޒާމާ ގުޅޭގޮތުން އެމެރިކާ ވެސް އަދި ޔުކްރޭން ވެސް ރަސްމީކޮށް އަދި ވާހަކަދައްކާފައެއް ނުވެ އެވެ.
އެމެރިކާ އިން މިސައިލް ޑިފެންސް ސިސްޓަމެއް ޔުކްރޭނަށް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތަކާ އެކު ރަޝިއާ އިން ވަނީ އިންޒާރު ދީފަ އެވެ.
ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވަނީ ޔުކްރޭންގެ ވެރިރަށް ކީވް އަށް ޕެޓްރިއޮޓް ސިސްޓަމް ފޮނުވުމަކީ ހަނގުރާމައިގެ އަލިފާނުގެ ތެރެއަށް އިތުރަށް ތެޔޮ އަޅާ ރޯކުރުން ކަމަށް ސިފަކުރައްވާ ނޭޓޯ އަށް ވަރުގަދަ އަށް އިންޒާރު ދެއްވާފަ އެވެ.
ޔުކްރޭންގައި މިސައިލުން ދިފާއުވާ ނިޒާމު ގާއިމުކުރުމަށް އެމެރިކާ އިން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. މިދިޔަ ދުވަސްތަކުގައި އެކަން ނުވެ އޮތީވެސް ރަޝިއާ ދެކޮޅު ހަދަމުންދާތީ އެވެ. ޔުކްރޭން ރަޝިއާ ހަނގުރާމަ ފަށަން ޖެހުނު ސަބަބުތަކުގެ ތެރޭގައި އެމެރިކާއާ ގުޅިގެން މިސައިލުން ދިފާއުވާ ނިޒާމު ގާއިމުކުރުމަށް ޔުކްރޭން މަސައްކަތް ކުރުންވެސް ހިމެނެ އެވެ.
ޔުކްރޭން ރަޝިއާ ހަނގުރާމަ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފެށި ފަހުން އެމެރިކާ އިން ވަނީ ޔުކްރޭނަށް އަސްކަރީ އެހީގެ ގޮތުން ގާތްގަނޑަކަށް 19.3 ބިލިއަން ޑޮލަރު ދީފަ އެވެ.