ރައީސް މުހައްމަދު ނަޝީދު

ލަންކާ ދަތުރަށް ފަހު ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

Jan 21, 2016
4

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގެ ކޮލަމްބޯގައި ދެ ދުވަހު މަޑު ކުރެއްވުމަށް ފަހު ރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ. އެމަނިކުފާނު އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވި އެވެ.

ތޭރަ އަހަރުގެ ޖަލު ހުކުމެއް ފުރިހަމަ ކުރައްވަމުން ގެންދެވި ނަޝީދު ސަރުކާރުން ދިން ހާއްސަ ހުއްދައެއްގެ ދަށުން އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ރާއްޖެއިން ފުރާވަޑައިގަތީ މިދިޔަ ހޯމަ ދުވަހުގެ ރޭގަ އެވެ. އަދި ސްރީލަންކާގައި ދެ ދުވަހު މަޑު ކުރެއްވުމަށް ފަހު އެ ގައުމުގައި ތިއްބެވި ޔޫރަޕްގެ ގައުމުތަކުގެ ސަފީރުންނާއި ދިވެހިންނާ ވެސް ނަޝީދު ބައްދަލު ކުރެއްވި އެވެ.

ނަޝީދު ވަނީ ރާއްޖޭގައި ދީނީ ހަރުކަށި ހިޔާލުތައް ފެތުރެމުން އަންނާތީ އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި އެމަނިކުފާނު ދޫކޮށްލުމުން ލިބުނު ފުރުސަތުގައި ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ބިނާ ކުރަނިވި މަޝްވަރާތަކެއް ކުރުމަށް ނަޝީދު ވަނީ އެ ބައްދަލުވުންތަކުގައި ސަރުކާރަށް ގޮވާލައިފަ އެވެ.

އެ ބައްދަލުވުންތަކުގައި އެމަނިކުފާނުގެ އަރިހުގައި، ވަކީލުންނާއި ލަންކާގައި ދިރިއުޅުއްވާ ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް އާއި ކުރީގެ މަޖިލީހުގެ މެންބަރު އަދި އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު ޣަފޫރު ބައިވެރިވެ ވަޑައިގެންނެވި އެވެ. އެބޭފުޅުން ރޭ ވެސް ވަނީ ނަޝީދަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންފަ އެވެ.

ނަޝީދު ދޫކޮށްލާފައި ހުންނަ ދުވަސްވަރު ޒިންމާވާނެ މީހެއްގެ ގޮތުން ސޮއި ކުރެއްވި އެމަނިކުފާނުގެ ބޭބެ، ޑރ. އިބްރާހިމް ނާޝިދު އެމަނިކުފާނާ އެކު ޔޫކޭއަށް ވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަޝީދުގެ ބޭސްފަރުވާއަށް ޔޫކޭއަށް ދިޔުމަށް ހުއްދަ ދިނީ 30 ދުވަހަށެވެ. އަދި އެ މުއްދަތުގައި ފަރުވާ ނުނިމިއްޖެ ނަމަ ޑޮކްޓަރު ސިޓީ ހުށަހެޅުމުން އެ މުއްދަތު އިތުރުކޮށް ދިނުމަށް ނިންމާފައިވެ އެވެ. 

ނަޝީދު ބޭސްފަރުވާއަށް ދިޔުމަށް ހުއްދަ ދިނީ ކުރީގެ ރައީސުންނަށް އިނާޔަތް ލިބިވަޑައިގަންނަވާ ގާނޫނުގެ ދަށުންނެވެ.