ނިޝާމާ މުހައްމަދުގެ މަރު

ނިޝާމާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް

Dec 11, 2022

ހދ. ނޮޅިވަރަމުގައި އަނބިމީހާގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ ފިރިމީހާގެ ބަންދަށް 15 ދުވަސް މިއަދު ޖަހައިފި އެވެ.

ހދ. ނޮޅިވަރަމް، އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރާ ގުޅިގެން ރޭގެ ވަގުތެއްގައި ހދ. ކުޅުދުއްފުށިން ހައްޔަރުކޮށްފައިވަނީ އދ. ފެންފުށީ، ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް އެވެ.

ނޮޅިވަރަމުގައި އިއްޔެ މަރުވެފައި އޮއްވާ ފެނުނު ނިޝާމާގެ ހަށިގަނޑުގެ ބޭރު ފުށުން މާބޮޑު އަނިޔާއެއް ފެންނަން ނެތް ކަމަށް އެރަށުން އަވަސް އަށް މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ. ނަމަވެސް ކަރުގައި އަނިޔާގެ ކޮންމެވެސް ނިޝާނެއް ހުރި ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ނިޝާމާ މަރުވިކަން އާއިލާ އަށް އެނގުނީ ފައިސަލް އޭނާގެ ފޭސްބުކް ޕޭޖުގައި އިއްޔެ ޕޯސްޓް ކުރި ފޮޓޯތަކެއްގައި ނިޝާމާ ބުރުގާ ނާޅާ ހުރި ފޮޓޯތަކެއް ހިއްސާކުރުމުން މި ދެމީހުންނަށް ފޯނުކޮށްގެން އެކަކުވެސް ފޯން ނުނެގުމުން އާއިލާގެ ބަޔަކު ނިޝާމާ އުޅޭ ކޮޓަރި ބެލުމުންނެވެ. އާއިލާގެ މީހުން ކޮޓަރި ހުޅުވީ ވެސް ދޮރު ހަލާކުކޮށްލައިގެންނެވެ.

ތިން ކުދިންގެ މަންމަ ނިޝާމާގެ މަރުގެ ހަބަރު އިއްޔެ ރަށު ތެރެއަށް ފެތުރިގެން ދިޔައިރު ފައިސަލް ހުރީ ހދ. ކުޅުދުއްފުށީގަ އެވެ.

ފުލުހުން ފައިސަލް ހައްޔަރުކުރީ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވެ ހަވާލުވުމުންނެވެ.

ފައިސަލް އަކީ ނޮޅިވަރަމް ފެނަކަ އޮފީހުގައި ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް އެ ރަށުގެ ބައެއް މީހުން ތުހުމަތުވެސް ކުރެ އެވެ.