ނިޝާމާ މުހައްމަދުގެ މަރު

ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ގެނެސްފި

ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ.

ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވީ މިދިޔަ ބުދަ ދުވަހުއެވެ. ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވީ އޭނާ މަރުވެފައި އޮއްވާ ފެނުނުތާ 10 ދުވަސް ފަހުންނެވެ.

ނިޝާމާ ދިރިއުޅޭ ގޭގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ނިޝާމާގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ، އދ. ފެންފުށި، ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް ފުލުހުންގެ ބެލުމުގެ ދަށުގައި ހދ. ކުޅުދުއްފުށީގައި ހުއްޓާ ދަންޖެހުނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 11:15 ހާއިރު އެވެ.

ފައިސަލް ދަންޖެހުމުން ފުލުހުން ވަނީ އޭނާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފަ އެވެ. އެ ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ފައިސަލް މަރުވީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

ނިޝާމާގެ މަރުގެ ހަބަރު މިމަހުގެ 10 ވަނަ ދުވަހު ރަށު ތެރެއަށް ފެތުރިގެން ދިޔައިރު ފައިސަލް ހުރީ ހދ. ކުޅުދުއްފުށީގަ އެވެ. ފައިސަލް ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.