ނިޝާމާ މުހައްމަދުގެ މަރު

ފައިސަލް ދަންޖެހުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން މަޖިލީހަށް

ހދ. ނޮޅިވަރަމްގައި އަނބިމީހާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އދ. ފެންފުށީ، ރޯޒީވިލާ، އަބޫބަކުރު ފައިސަލް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހުނު މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް އުމަރު އެވެ.

ނޮޅިވަރަމްގައި މިދިޔަ ހޮނިހިރު ދުވަހު މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ މަރާއި ގުޅިގެން ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އޭނާގެ ފިރިމީހާ ފައިސަލް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހުމުން ދަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ނެވެ.

ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއްކަން ފާހަގަކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް އެފަދަ ނުރައްކާތެރި އަމަލެއް ހިންގިއިރު ފުލުހުންނަށް އެކަން ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

ފައިސަލްގެ ކުށުގެ ރެކޯޑާއި ތުހުމަތުކުރެވޭ ކަންކަމަށް ބަލާއިރު އެފަދަ ތުހުމަތު ކުރެވޭ މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމައަށް އަޅާފައިނުވާކަން ހާމަވާ ކަމަށާއި އެކަމަކީ ފުލުހުންގެ ހިދުމަތުގެ ޒިންމާދާރު ކަމާމެދު ރައްޔިތުން ކުރަންޖެހޭ އިތުބާރު ކުޑަވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި މިއީ ނިޝާމާގެ އާއިލާއަށް އިންސާފު ލިބުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ފުލުހުން ފައިސަލް ހައްޔަރުކުރީ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވެ ހަވާލުވުމުންނެވެ. ފައިސަލް ދަންޖެހުނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 11:15 ހާއިރު އެވެ.

ފުލުހުން ވަނީ ނިޝާމާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފަ އެވެ.