ހދ. ނޮޅިވަރަމްގައި އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު ގޮތް ނޭނގޭ ގޮތަކަށް މަރުވެފައި އޮއްވާ ފެނުނުތާ ހަތް ދުވަސްވީއިރު ވެސް ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދޭ ގޮތެއް ނުވި އެވެ.
ނޮޅިވަރަމުގައި ނިޝާމާ ދިރިއުޅޭ ގޭގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހު 12:30 ހާއިރު އެވެ. އޭގެފަހުން މިދިޔަ އާދިއްތަ ދުވަހު ނިޝާމާގެ ހަށިގަނޑު މާލެ ގެނައީ ޕޯސްޓްމޯޓަމް ހެދުމަށެވެ.
ޕޯސްޓްމޯޓަމަށް ނިޝާމާގެ ހަށިގަނޑު ފޮނުވަން މަސައްކަތް ކުރަނީ އިންޑިއާ އަށެވެ. ނަމަވެސް ބައެއް އިންތިޒާމުތައް ހަމަޖެހިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ނުފޮނުވި ނިޝާމާގެ ހަށިގަނޑު އަދިވެސް އޮތީ ގަލޮޅު މޯޗަރީގަ އެވެ. ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވޭނެ ވަކި ދުވަހެއް ވެސް ފުލުހުން އަދި ނުބުނެ އެވެ.
ނިޝާމާ މަރާ ގުޅިގެން އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯޒީ ވިލާ، އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފަ އެވެ.
\ނިޝާމާ މަރުވެފައި އޮއްވާ ފެނުނު އިރު ހަށިގަނޑުގެ ބޭރު ފުށުން މާބޮޑު އަނިޔާއެއް ފެންނަން ނެތް ކަމަށް އެރަށުން އަވަސް އަށް މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ. ނަމަވެސް ނިޝާމާގެ ކަރުގައި އަނިޔާގެ ކޮންމެވެސް ނިޝާނެއް ހުރި ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.
ނިޝާމާ މަރުވިކަން އާއިލާ އަށް އެނގުނީ ފައިސަލް އޭނާގެ ފޭސްބުކް ޕޭޖުގައި މިދިޔަ ހޮނިހިރު ދުވަހު ޕޯސްޓް ކުރި ފޮޓޯތަކެއްގައި ނިޝާމާ ބުރުގާ ނާޅާ ހުރި ފޮޓޯތަކެއް ހިއްސާކުރުމުން މި ދެމީހުންނަށް ފޯނުކޮށްގެން އެކަކުވެސް ފޯން ނުނެގުމުން އާއިލާގެ ބަޔަކު ނިޝާމާ އުޅޭ ކޮޓަރި ބެލުމުންނެވެ. އާއިލާގެ މީހުން ކޮޓަރި ހުޅުވީ ވެސް ދޮރު ހަލާކުކޮށްލައިގެންނެވެ.
ތިން ކުދިންގެ މަންމަ ނިޝާމާގެ މަރުގެ ހަބަރު ރަށު ތެރެއަށް ފެތުރިގެން ދިޔައިރު ފައިސަލް ހުރީ ހދ. ކުޅުދުއްފުށީގަ އެވެ. ފުލުހުން ފައިސަލް ހައްޔަރުކުރީ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވެ ހަވާލުވުމުންނެވެ.