ވީނުވީއެއް ނޭނގި ގެއްލޭ މީހުން އިތުރުވާތީ އެ މީހުން ހޯދުން ހަރުދަނާ ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލަައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.
ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ. ކުއްލި މައްސަލައާ ދެކޮޅަށް ވޯޓު ދެއްވީ 29 މެންބަރުންނެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ވީނުވީއެއް ނޭނގި ގެއްލޭ ދިވެހިންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ކަންބޮޑުވުމާއި ހިތްދަތިކަން އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
"ގެއްލިފައިވާ މީހުން ހޯދުމުގައި ސަރުކާރުން އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކުރަމުންނުދާ ކަމަށާއި މީހުން ހޯދުމުގައި ސަރުކާރުން ފަރުވާކުޑަ ކުރާކަމުގެ ޝަކުވާ އިތުރުވަމުންދާ" ކަމަށް ކުއްލި މައްސަލައިގައި އާދަމް ޝަރީފް ވިދާޅުވި އެވެ.
ކުއްލި މައްސަލަައިގައި އާދަމް ޝަރީފް ވަނީ އއ. މަތިވެރިން ގެއްލިގެން ހޯދަމުންދާ އެރަށު ރިވެލި، ހަސަން އަލީ އާއި މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއިލް ފާހަގަކޮށްފަ އެވެ.
އާސިރު އެންމެ ފަހުން ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ އާސިރު އެންމެ ފަހުން ފެނުނު ވީއައިއޭގެ އެކި ޑިޕާޓްމަންޓްތަކުގެ ސީސީޓީވީ ފުޓޭޖްތައް މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ.
އާސިރު ހޯދުމަށް ފާއިތުވި 10 ދުވަހުގެ ތެރޭގައި ސަރުކާރުން އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
ސީސީޓީވީ ފުޓޭޖްތައް ބެލުމަށްފަހު ފުލުހުން ބުނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 7:20 ހާއިރު ބޮޑުތަކުރުފާނުމަގު ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އާސިރު އަރާ މަންޒަރު ފެނިފައިވާ ކަމަށެވެ.
އެ ޓެކްސީ ގޮސް އެއާޕޯޓު ޓާމިނަލަށް މަޑުކުރުމާއިއެކު އާސިރު ޓާމިނަލަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ނަމަވެސް، އެއްވެސް އެއާލައިނަކުން އޭނާ ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ވެސް ދިޔަކަން ފާހަގަނުވާ ކަމަށެވެ.