ފިނިޕޭޖް

މީން ގާލްސްގެ ޓީވީ މިއުޒިކަލް

މާކް ވޯޓާސް 2004 ވަނަ އަހަރު ޑައިރެކްޓްކޮށް ނެރުނު ކާމިޔާބު ޓީން ކޮމެޑީ "މީން ގާލްސް"ގެ ބްރޯޑްވޭ މިއުޒިކަލް އެޑެޕްޓޭޝަންގެ ޓީވީ ވާޝަން ޕެރެމައުންޓް+ ގައި ސްޓްރީމްކުރަން ތައްޔާރު ވަނީއެވެ.

މި ފިލްމާއި ބްރޯޑްވޭ މިއުޒިކަލްގެ ވާހަކަ ލިޔެފައިވަނީ ކޮމެޑީ އެކްޓްރަސް އަދި ރައިޓާ ޓީނާ ފޭއެވެ. އަދި ޓީވީ މިއުޒިކަލްގެ ސްކްރިޕްޓްވެސް ޓީނާ ލިޔާއިރު، ޑައިރެކްޓްކުރާނީ ސަމަންތާ ޖޭން އާއި އާޓޫރޯ ޕެރެޒް ޖޫނިއާއެވެ.

"މީން ގާލްސް" އޮރިޖިނަލް ފިލްމް އަދި މިއުޒިކަލްގައިވެސް ފެންނާނީ އެފްރިކާގައި އުޅުނު ކޭޑީ ހެރަން، އޭނާގެ ސައިންޓިސްޓް މައިންބަފައިންނާއެކު އެމެރިކާގެ އިލިނޯއިގެ ރަށަކަށް ބަދަލުވާ ތަނެވެ.

ހައިސްކޫލަށް ވަންނަ ތަނާ، ސްކޫލްގެ ސޯޝަލް ހައިރާކީ ސިސްޓަމްގެ ކަންތައްތައް ދަސްކުރަންޖެހި، "ދަ ޕްލާސްޓިކްސް" ގެ ނަމުގައި ސްކޫލަށް މަޝްހޫރު ގްރޫޕްއަކާ ދިމާވެއެވެ.

"މީން ގާލްސް" ފިލްމްގައި ކޭޑީގެ ރޯލް އަދާކުރީ ލިންޑްޒީ ލޯހަން އެވެ. ދަ ޕްލާސްޓިކްސްގެ ލީޑަރު ރެޖީނާ ޖޯޖްގެ ބައި ކުޅެފައިވަނީ ރޭޗަލް މެކްއެޑަމްސް އެވެ. އަދި ފިރިހެން ލީޑް ކެރެކްޓާ އާރޮން ސެމިއުލްސްގެ ރޯލް އަދާކޮށްފައިވަނީ ޖޮނަތަން ބެނެޓް އެވެ.

މީގެ އިތުރުން އަމަންޑާ ސޭފްރީޑް އާއި ލޭސީ ޝާބެއަ ވެސް މި ފިލްމުގައި ހިމެނެ އެވެ. ސަތާރަ މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމަށް ވަނީ ޖުމްލަކޮށް ބޮކްސްއޮފީހުން 130 މިލިއަން ޑޮލަރު ލިބިފަ އެވެ.

މި ފިލްމުގެ ޓީވީ މިއުޒިކަލްގައި ކޭޑީގެ ރޯލް އަދާކުރާނީ އަންގޫރީ ރައިސް އެވެ. އަދި ރެޖީނާގެ ރޯލް އަދާކުރާނީ ބްރޯޑްވޭ މިއުޒިކަލްގައިވެސް އެ ރޯލް އަދާކުރި ރިނޭ ރެޕް އެވެ. މީގެ އިތުރުން ޑިޒްނީގެ "މޮއާނާ"ގެ އަޑު އެޅި އޮއުލިއީ ކްރަވާލޯ އާއި ބްރޯޑްވޭގެ ޖެކުއެލް ސްޕިވީ މި ޓީވީ މިއުޒިކަލްގައި ހިމެނެ އެވެ.

"މީން ގާލްސް"ގެ ޓީވީ މިއުޒިކަލްގެ ރިލީޒް ޑޭޓް އަދި ހާމަކޮށްފައެއް ނުވެ އެވެ. ލަފާކުރެވޭ ގޮތުގައި 2023 ގައި ރިލީޒްކުރާނެ އެވެ.