ފިނިޕޭޖް

ބީޖީސް އަށް ފިލްމެއް ހަދަނީ

ބީޖީސް އަކީ 1958 ވަނަ އަހަރު އެއްބަނޑު އެއްބަފައި ތިން މީހުން ކަމަށްވާ ބެރީ، ރޮބިން އަދި މޮރީސް ގިބްސް އުފެއްދި އިންގްލިޝް-އޮސްޓްރޭލިއަން ޕޮޕް ބޭންޑެކެވެ.

މި ބޭންޑު ވަނީ ހާއްސަކޮށް 1960 ވަނަ އަހަރާއި 1970 ވަނަ އަހަރު ތަކުގައި ފަސް ގްރެމީ އެވޯޑާއި އެފަދަ އެހެން ބޮޑެތި ކާމިޔާބީތައް ހޯދާފަ އެވެ.

ބިލްބޯޑް ޗާޓްގެ ތާރީހަށް ބަލާލާއިރު އެންމެ ކާމިޔާބު ބޭންޑުތަކުގެ ތެރެއިން ބީޖީސް ވަނީ ދަ ބީޓްލްސް އާއި ދަ ސުޕްރީމްސްގެ ފަހަތުގައި ތިން ވަނައިގަ އެވެ.

ބީޖީސްގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "ސްޓެއިން އެލައިވް"، "ކެން ޔޫ މެންޑް އަ ބްރޯކަން ހާޓް؟"، "ސަޓަޑޭ ނައިޓް ފީވާ"، "ހައު ޑީޕް އިޒް ޔޯ ލަވް؟" ފަދަ ލަވަތައް ހިމެނެ އެވެ.

މި ބޭންޑްގެ ޑްރަމްސް ފަދަ މަގާމުތަކަށް އެކި ފަހަރުމަތިން އެކި މީހުން ގުޅިފައިވެ އެވެ. ނަމަވެސް މި ބޭންޑްގެ އޮރިޖިނަލް މެންބަރުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރީ ބެރީ ގިބްސް އެކަންޏެވެ.

ޕެރެމައުންޓް، ޖީކޭ ފިލްމް އެމްބްލިން އެންޑް ސިސްޓާ މި ފިލްމް ޕްރޮޑިއުސް އަދި ފައިނޭންސްކުރާއިރު، ބެރީ ގިބްސް އެގްޒެކްޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހަރަކާތްތެރިވާނެ އެވެ. މި ބޭންޑަށް މީގެ ކުރިން ވަނީ އެޗްބީއޯ ޑޮކިއުމެންޓްރީ އެއްވެސް ހަދާފަ އެވެ.

މީގެ ކުރިން ޖޯން ކާނީ މި ފިލްމު ޑައިރެކްޓްކުރާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް ޝެޑިއުލްތައް ދިމާނުވުމުން މިހާރު މި ފިލްމު ޑައިރެކްޓްކުރާނީ "ހަސްލާސް"ގެ ޑައިރެކްޓަރު ލޮރީން ސްކަފޭރިއާ އެވެ.

މި ފިލްމުގެ ނަން، ކާސްޓް އަދި ރިލީޒް ކުރާނެ ތާރިހް އަދި ހާމަކޮށްފައެއް ނުވެ އެވެ.