ހަބަރު

އާ ޕާސްޕޯޓާއި އީގޭޓްގެ ހިދުމަތް އާދިއްތަ ދުވަހު ފަށަނީ

  • ޕާސްޕޯޓްގައި ސަލާމަތީ ކަންކަން ވަރުގަދަވާނެ
  • އީގޭޓްގެ ހިދުމަތް ފަށަނީ ދިވެހިންނަށް
  • އިމިގްރޭޝަންގެ ހިދުމަތްތައް އަވަަސްވެ ފަސޭހަވާނެ

ރާއްޖޭގައި އަލަށް ބޭނުންކުރަން ފަށާ 'ދިވެހި ބަޔޯމެޓްރިކް ޕާސްޕޯޓް' އާއި އީގޭޓްގެ ހިދުމަތް އަންނަ އާދީއްތަ ދުވަހު އިފްތިތާހުކުރުމަށް ހަމަޖެހިއްޖެއެވެ. ޕާސްޕޯޓާއި އީގޭޓްގެ ހިދުމަތް އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ ހޮޓެލް ޖެންގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.

އަލަށް ތައާރަފްކުރާ ޕާސްޕޯޓުގެ ޑޭޓާ ޕޭޖްތައް ހުންނާނީ ޕޮލިމާ ކަރުދާހުންނެވެ. އަދި މިހާރު ބޭނުންކުރާ ޕާސްޕޯޓާއި ހިލާފަށް އާ ފާސްޕޯޓުން ފެންނަން ހުންނާނީ ބައެއް ހާއްސަ މައުލޫމާތުއެކަންޏެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ، އާ ޕާސްޕޯޓް ތައާރަފު ވެގެން އަންނަ އިރު މުޅި ޕާސްޕޯޓް ޑިޒައިނަށް ބަދަލު އަންނާނެ ކަމަށެވެ. އަދި އެ ޕާސްޕޯޓުގައި ބޭނުން ކުރާނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ އެންމެ ހައި ސެކިއުރިޓީ ޕީޗާސްތައް ކަމަށާއި އޭގެ ސަބަބުން ވަގު ޕާސްޕޯޓް ހެއްދުން ފަދަ ކަންކަމަށް ހުއްޓުމެއް އަންނާނެ ކަމަށެވެ.

އާ ޕާސްޕޯޓް ތައާރަފްކުރި ނަމަވެސް، މިހާރު ބޭނުންކުރާ ޕާސްޕޯޓް މުއްދަތު ހަމަވުމާ ހަމަޔަށް ބޭނުންކުރެވޭނެ އެވެ. އަދި އާ ޕާސްޕޯޓް ތައާރަފްކުރުމާ ހަމަޔަށް މުއްދަތުހަމަވާ ޕާސްޕޯޓްތައް އާކޮށްދިނުމުގެ ހިދުމަތްވެސް އިމިގްރޭޝަނުން ފޯރުކޮށްދޭނެ އެވެ. އިމިގްރޭޝަނުން ބުނީ އާ ޕާސްޕޯޓް ތައާރަފްކުރި ނަމަވެސް ޕާސްޕޯޓް ހަދައިދޭ އަގަށް ބަދަލު ނާންނާނެ ކަމަށެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ދިވެހިންނަށް އަމާޒުކޮށް ހަދާ އީގޭޓް ގެ މަސައްކަތް މިހާރު ވަނީ ނިންމާ، ޓެސްޓްކޮށްފައެވެ. އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނެފައިވަނީ ޑިޕާޗާ ޓާމިނަލްގައި ގޭޓެއް ހެދި އިރު އެރައިވަލް ޓާމިނަލްގައި ދެ ގޭޓް ބަހައްޓާފައިވާ ކަމަށާއި އެ ގޭޓްތައް ނިންމައި މިހާރު ޓެސްޓްކޮށްފައިވާ ކަމަށާއި އާ ޕާޕޯސްޓާއެކު އެ ގޭޓްތަކުގެ ހިދުމަތް ފަށާނެ ކަމަށެވެ.

މި ހިދުމަތް އައުމާއެކު ދިވެހިންގެ ޕާސްޕޯޓްގައި ރާއްޖޭގެ ތައްގަނޑެއް ނުޖަހާނެ އެވެ. އީގޭޓުން ޕާސްޕޯޓާއި ބޯޑިންޕާސް ސްކޭން ކުރުމަށްފަހު، ފިންގާ ޕްރިންޓް ޖެހުމުން އިމިގްރޭޝަނަށް ބޭނުންވާ މައުލޫމާތު ފުރިހަމަވާނެ އެވެ.