ޕޮލިސް ބޯޑް

ޕޮލިސް ބޯޑަށް ކުރީގެ ސީޕީ ފަސީހް

Dec 12, 2022
1

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑުގެ މެންބަރު ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ފަސީހް އައްޔަންކޮށްފި އެވެ.

ބޯޑަށް ފަސީހް އައްޔަންކޮށްފައިވަނީ ބޯޑުގެ ރައީސްގެ ގޮތުގައި ހުންނެވި މއ. މަނާގެ، އަލީ ފާއިޒު, ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު ކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔުަ މަހުގެ 28 ވަނަ ދުވަހު ރުހުން ދިނުމާ ގުޅިގެންނެވެ.

އަލީ ފާއިޒު ޕޮލިސް ބޯޑުގެ މެންބަރު ކަމުން ވަކިވެވަޑައިގެންނެވި ފަހުން އެ މަގާމު އަދި އޮތީ ހުސްކޮށެވެ. ބޯޑުގެ ރައީސް ހޮވަނީ ބޯޑުގައި ހިމެނޭ މެންބަރުންގެ ވޯޓަކުންނެވެ.

ފަސީހް އެންމެ ފަހުން ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގަ އެވެ. އޭގެކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012ގައި ނިމުނުއިރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައިވެސް ހުންނެވީ ފަސީހް އެވެ.

ޕޮލިސް ބޯޑްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން

  • އަޙްމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
  • އާއިޝަތު ނޫރާ މުހައްމަދު، ހ. ނޫމުތީ
  • މުހައްމަދު ފަސީހް
  • އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން
  • އާދަމް އިބްރާހީމް، ގ. ޑިމްލައިޓް
  • ހާމިދު އަބްދުލްގަފޫރު، ހ. ޝޭޑީކޯނަރ
  • ސަފާ ޝަރީފް، ދެތަޑިމާގެ، ސ. ހުޅުދޫ

ޕޮލިސް ބޯޑްގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރެކެވެ.

ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާމެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހެ އެވެ. އެފަދަ ނިންމުންތަކެއް ބޯޑުން ނިންމުމާ ގުޅިގެން ކޯޓުން ވަނީ ބައެއް ނިންމުންތައް ތަންފީޒުކުރުން މަޑުޖައްސުވާފަ އެވެ.