ފިނިޕޭޖް

ރަޝް އަވާގެ އިތުރު ފިލްމެއް ހަދަނީ

ހޮންކޮންގް އަދި ހޮލީވުޑްގެ އެކްޝަން ތަރި ޖެކީ ޗެން އާއި ކްރިސް ޓަކާގެ ކާމިޔާބު "ރަޝް އަވާ" ފިލްމް ސީރީޒްގެ ހަތަރުވަނަ ފިލްމެއް ހަދަނީ އެވެ.

ޖެކީ ޗެން މިކަން ހާމަކޮށްފައިވަނީ ސައުދި އަރަބިއާގެ ޖިއްދާގައި މިމަހުގެ 01-10 އަށް ކުރިއަށް ގެންދިޔަ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ވާހަކަ ދައްކަމުންނެވެ.

ނިއު ލައިން ސިނަމާ އާއި ވޯނާ ބްރަދާސް އިން ޕްރޮޑިއުސްކުރި "ރަޝް އަވާ"ގެ ފުރަތަމަ ފިލްމަށް ވަނީ ބޮކްސް އޮފީހުން 244 މިލިއަން ޑޮލަރު ލިބިފަ އެވެ.

ޖެކީ މި ފިލްމު ސީރީޒްގައި އަދާކުރީ ހޮންކޮންގުގެ ޑިޓެކްޓިވް އިންސްޕެކްޓާއެއްގެ ރޯލެވެ. އަދި ކްރިސް އަދާކުރީ އެލްއޭޕީޑީގެ އަނގަ ގަދަ ޑިޓެކްޓިވްއެއްގެ ރޯލެވެ. މި ދެ މީހުން ގުޅިގެން އިންޓަނޭޝަނަލް ކްރައިމް ސޯލްވް ކުރެ އެވެ.

ޖެކީ ބުނީ "ރަޝް އަވާ" އަކީ އޭނާއަށް ލިބޭ ރޯލުތައް ހަނިވުމުގެ ސަބަބުން ހޮލީވުޑް ދޫކުރުމަށް ހިޔާލުކޮށްފައި ވަނިކޮށް ލިބުނު ފިލްމެއް ކަމަށެވެ.

1998 ވަނަ އަހަރާއި 2007 ވަނަ އަހަރާ ދެމެދު ނެރުނު "ރަޝް އަވާ"ގެ ތިން ފިލްމްގެ ޑައިރެކްޓަރަކީ ބްރެޓް ރެޓްނާ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ކާކުކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.

2017 ވަނަ އަހަރު ބްރެޓް ރެޓްނާއަށް، އެކްޓްރެސް ނަތާޝާ ހެންސްޓްރިޖް އާއި އޮލީވިއާ މަންގެ އިތުރުން ފަސް އަންހެނުން ވަނީ ޖިންސީ ފުރައްސާރުކުރުމާ ވިޔާނުދާ އަމަލު ހިންގުމުގެ ތުހުމަތުކޮށްފަ އެވެ. މިކަމުގެ ސަބަބުން ވޯނާ ބްރަދާސް އިން ވަނީ ބްރެޓްއާ އެކު އޮތް ކޮންޓްރެކްޓް ބާތިލްކޮށްފަ އެވެ.