ފިނިޕޭޖް

"ވައިޓް ހައުސް ޕްލަމާސް" ގެ ޓީޒާ ނެރެފި

އެޗްބީއޯގެ ލިމިޓެޑް ސީރީޒް "ވައިޓް ހައުސް ޕްލަމާސް" ގެ ޓީޒާ ނެރެފި އެވެ.

"ވައިޓް ހައުސް ޕްލަމާސް" ގައި ލީޑް ރޯލް ކުޅެނީ ވުޑީ ހެރެލްސަން އާއި ޖަސްޓިން ތުރޯއެވެ. މީގެ އިތުރުން ލީނާ ހެޑީ، ކެތްލީން ޓާނާ، ޖޫޑީ ގްރިއާ، ޑޮމްނާލް ގްލީސަން، ޓޯބީ ހަސް ފަދަ ގިނަ ތަރިން މި ސީރީޒްގައި ހިމެނެއެވެ. މި ސީރީޒް ޑައިރެކްޓްކުރާނީ ޑޭވިޑް މެންޑެލްއެވެ.

މި ސީރީޒަކީ އެމެރިކާގެ ކުރީގެ ރައީސް ރިޗަޑް ނިކްސަން މަގާމުން އިސްތިއުފާ ދޭން ކުރިމަތިވި ވޯޓާގޭޓް ސްކެންޑަލް އާ ގުޅުންހުރި ސީރީޒެކެވެ. މީގެން ފެންނަނީ އީ. ހަވޯޑް ހަންޓް (ވުޑީ) އާއި ޖީ. ގޯޑަން ލިޑީ (ޖަސްޓިން) ވޯޓާގޭޓް އަށް ވައްކަން ކުރަން އުޅެ އެކަމުގެ ސަބަބުން ކަންތައްތަކެއް ވެ ނިކްސަންގެ އެޑްމިނިސްޓްރޭޝަން ވެއްޓޭ ތަނެވެ.

ވައިޓް ހައުސް ޕްލަމާސް އަކީ 1971 ގައި އުފެއްދި ކުރީގެ އެފްބީއައި އަދި ސީއައިއޭ އޭޖެންޓުންގެ ކަވޯޓް ޓީމެކެވެ. މި ޓީމް އުފެއްދުމުގެ ބޭނުމަކީ އެއްވެސް ކްލަސިފައިޑް މައުލޫމާތެއް، ސިއްރެއް ލީކުވެ ނިކްސަން ބަދުނާމްވުން ހުއްޓުވުމެވެ.

ފަސް ޕާޓްގެ މި ސީރީޒް ބިނާކޮށްފައިވަނީ ޕަބްލިކް ރިކޯޑްގައިވާ މައުލޫމާތަށާއި އެޖިލް "ބަޑް" ކްރޯގް އާއި މެތިއު ކްރޮގް ލިޔުނު "އިންޓެގްރިޓީ" ވާހަކައަށެވެ.

"ވައިޓް ހައުސް ޕްލަމާސް" ރިލީޒްކުރާނީ މާޗް 2023 ގައެވެ.