ޔޫރަޕިއަން ޕާލަމެންޓްގެ ނައިބު ރައީސެއް ކަމަށްވާ އީވާ ކައިލީގެ މުދާތައް ގްރީކުގެ ކަމާބެހޭ އިދާރާތަކުން ހިފަހައްޓައިފި އެވެ. އެއީ ގަތަރާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަން މައްސަލަތަކެއްގައި އޭނާ ހައްޔަރުކުރުމާ ގުޅިގެންނެވެ.
ޔޫރަޕިއަން ޔޫނިއަންގެ ގާނޫނު ހަދާ މަޖިލީހުގައި 14 ނައިބު ރައީސުން ތިބެ އެވެ. ގުރީކުގެ ސޯޝަލިސް މޫވްމަންޓަށް ނިސްބަތްވެ ވަޑައިގަންނަވާ އީވާ ކައިލީ އަކީ އޭގެ ތެރެއިން އެއް ނައިބު ރައީސް އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީވާ ކައިލީ ހައްޔަރުކުރީ އޭނާއަށް އޮތް ތުހުމަތެއްގައި ބެލްޖިއަމްގެ ފުލުހުން އޭނާގެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު އެވެ. އޭނާ އާއެކު އޭނާގެ ބައިވެރިޔާ އާއި ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އީވާ ކައިލީގެ ބައްޕަ ދިރިއުޅޭ އެޕާޓްމަންޓުން ފުލުހުން ހޯދި ހެކިތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ހިމެނެ އެވެ.
ޚަބަރުތައް ބުނާ ގޮތުން ގުރީކުގައި ތިބި އީވާ ކައިލީގެ ތިމާގެ މީހުން ހިންގާ ކުންފުނިތަކާއި ބޭންކް އެކައުންޓްތައް އަދި އެ މީހުންނާ ގުޅުހުން ހުރި މާލީ މުއާމަލާތްތައް ވެސް މި ވަގުތަށް އޮތީ ހުއްޓުވާފަ އެވެ.
އީވާ ކައިލީ އާއި އޭނާގެ ފިރިމީހާ އަދި ބައްޕައަށް ދައުވާކުރާނެ ކަމަށް ބެލެވެނީ ކޮރަޕްޝަނާއި މަނީ ލޯންޑަރިން އަދި އޮޅުވާލުމުގެ މައްސަލާގަ އެވެ.
އިވާ ކައިލީއަށް ހުރި އިތުރު ތުހުމުތުތަކުގެ ތެރޭގައި މަގާމުގެ ގޮތުން ގަބޫލުކޮށްގެން ނުވާނެ ހަދިޔާ ފަދަ ތަކެތި ބަލައިގަތުން ހިމެނެ އެވެ.
މިއީ ގަތަރާ ގުޅުން އޮތް ކޮރަޕްޝަންގެ މައްސަލައެއް ކަމަށް ބުނެވުނު ނަމަވެސް، ގަތަރުން ބުނާ ގޮތުން އެފަދަ ނާތަހުޒީބު އަދި އަހުލާގީ ގޮތުން ދަށް އެއްވެސް އަމަލެއްގައި ސަރުކާރުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
އަދި މިފަދަ މުޑުދާރު އެއްވެސް އަމަލެއް ގަތަރުގެ ސަރުކާރާ ގުޅުވަން ކުރާ އެއްވެސް ތުހުމަތެއް ބަލައިނުގަންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޔޫރަޕިއަން ޕާލަމެންޓްގެ އޮފިޝަލުންނަށް ގަތަރުން ރިޝްވަތު ދިނީ ޔޫރަޕިއަން ޔޫނިއަންގެ ގާނޫންހަދާ މަޖިލީހުގައި ކުރެވޭ ބަހުސްތަކަށާއި ނިންމާ ނިންމުންތަކަށް ބަދަލު ގެނައުމަށް ކަމަށް ބުނެވެ އެވެ.
ގަތަރުން ބުނާ ގޮތުން މިއިން އެއްވެސް ކަމެއްގައި ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ އެވެ.