ދުނިޔެ

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތައް ޔޫރަޕްގެ އެހެން ގައުމުތަކަށް

ފްރާންސްގައި ޖޫން 27 ގައި ފެށުނު ހަމަނުޖެހުންތައް ޔޫރަޕްގެ އެހެން ދެ ގައުމަކަށް -- ސްވިޒަލޭންޑަށާއި ބެލްޖިއަމަށް ފޯރައިފި އެވެ.

ބެލްޖިއަމްގެ ވެރިރަށް ބުރަސަލްސްގައި ޖޫން 30 ގައި އާންމުން މަގުތަކަށް ނުކުމެ މާބޮޑު ހަމަނުޖެހުމެއް ހިންގާފައެއް ނުވެ އެވެ. މަގުތަކަށް ނުކުތް މީހުން ޚަބަރަށް ބުނި ގޮތުން އެ މީހުން މަގުތަކަށް ނުކުތީ ފްރާންސްގައި ހައްގުތައް ހޯދުމަށް ހަޅުތާލުކުރަމުންދާ އެ މީހުންގެ އެކުވެރިންނާ އެކުގައި ވުމަށެވެ.

ބެލްޖިއަމްގައި އާންމުން މަގުތަކަށް ނެރުމަށް ސޯޝަލް މީޑިއާތަކުގައި ގޮވާލައި އަންނަނީ ހިތްވަރުދެމުންނެވެ.

ބުރަސަލްސްގައި އެއްވުންތަކުގެ ތެރެއިން 63 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ބެލްޖިއަމްއާ ޚިލާފަށް ސްވިޒަލޭންޑްގައި އާންމުންގެ ގިނަ ބަޔަކު ރޭގަނޑު މަގުތަކަށް ނުކުމެ ވަނީ ފިހާރަތަކެއްގައި ހުޅުޖަހާފަ އެވެ. އެ މީހުންގެ ގޮވާލުމަކީ ވެސް ފްރާންސްގައި ވަކާލާތުކުރަމުންދާ އާންމު ރައްޔިތުންނަށް ހިތްވަރު ދިނުމެވެ.

ސްވިޒަލޭންޑްގައި އާންމުންގެ ބަޔަކު ފުލުހުންގެ ޗެކް ޕޯސްޓްތަކަކަށް ގާއުކައި އަމަން ބެލެހެއްޓުމުގައި އެހީތެރިވެދޭން ތިބި ފުލުހުންގެ ބަޔަކަށް ވަނީ ހަމަލާ ދީފަ އެވެ. އެހެން ނަމަވެސް އެއްވެސް ބަޔަކަށް ބޮޑު އަނިޔާއެއް ނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ފްރާންސްގައި ހަމަނުޖެހުންތައް ފެށުމުގެ އަސްލަކީ 17 އަހަރުގެ ފިރިހެން ކުއްޖެއްގެ ގަޔަށް ފުލުހުން ބަޑިޖަހައި މަރާލުމެވެ. އަދި ނަސްލީ ތަފާތުކުރުން ފްރާންސްގެ ފުލުހުންގެ ތެރޭގަ އާއި ގާނޫން ތަންފީޒްކުރާ އެހެން އިދާރާތަކުގައި އިންތިހާއަށް ބޮޑުވުމެވެ.

ފުލުހުން މަރާލި 17 އަހަރުގެ ނާހިލް އަކީ އަލްޖީރިއާ ދަރިކޮޅަށް ނިސްބަތްވާ ބައިމަދު އަރަބި އާއިލާއެއްގެ ކުއްޖެކެވެ. އޭނާ މަރާލީ ކާރެއްގައި ޕިއްޒާ ޑެލިވަރީކުރަން އުޅެނިކޮށް -- އެ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގަ އެވެ.

ނާހިލް މަރާލި ސަބަބެއް ކަމަށް އޮފިސަރު ބުނީ ޖާނަށް ނުރައްކާވުން ކަމަށެވެ. އެކަމަކު އެ ވަގުތު ރެކޯޑްކޮށްފައި ހުރި ވީޑިއޯ ކްލިޕްތަކުން އޭނާ އެ ބުނާ ކަހަލަ އެއްވެސް ހަރަކާތެއް، އަމަލެއް ނުފެނެ އެވެ.

ފްރާންސް އަކީ ނަސްލީ ތަފާތުކުރުން އިންތިހާއަށް އޮތް ގައުމެއް ކަމަށް އދ. އިން ވެސް ވަނީ ބުނެފަ އެވެ. އދ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާނޫން ތަންފީޒުކުރާ އިދާރާތަކުގައި -- ބައިމަދު ދަރިކޮޅަށް އިހާނެތިކޮށް ހިތައި ހައްގުން މަހުރޫމްކުރާ ކަމަށެވެ.

އެކަމަކު ފްރާންސް ސަރުކާރުން އދ ގެ ބަޔާނަށް އެއްބަހެއް ނުވެ އެވެ. ބުނީ އެއީ ބުހުތާން ދޮގެއް ކަމަށެވެ.