ދުނިޔެ

ފަރަންސޭސިވިލާތުގެ މަސްރަހު އިތުރަށް ގޯސްވަނީ

ފަރަންސޭސިވިލާތުގައި އާންމުން މަގުތަކަށް ނުކުމު ހިންގަމުންދާ ހަމަނުޖެހުންތައް ސަހަލު ގޮތަކަށް ނިމިދާނެ ކަމަކަށް ނުފެނެ އެވެ.

އުމުރުން 17 އަހަރުގެ ޒުވާން ފިރިހެން ކުއްޖެއްގެ ގަޔަށް ފުލުހުން ބަޑިޖައި މަރާލުމާ ގުޅިގެން ފެށުނު ނުތަނަވަސްކަމަށް ހަތަރު ދުވަސްވެގެންދާއިރު އަމަން ބަލަހައްޓާ އޮފިސަރުންނަށް އަދިވެސް އޮބިއޮންނަ ވަރު ވަނީ ނުވެފަ އެވެ.

ވެރިރަށް ޕެރިހުގެ މަގުތަކަށް ސަރުކާރުން ބަރުއުޅަނދުތަކާއި އަސްކަރީ ޚާއްސަ ތަމްރީންތައް ހަދައިގެން ތިބި ސިފައިން މިހާރު ވަނީ ނެރެފަ އެވެ.

ހާލަތު އިތުރަށް ގޯސްވެދާނެ އެއްވެސް ކަމެއް ނުކުރުމަށް އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދާ އޮފިސަރުންނަށް ސަރުކާރުން ވަނީ އަންގާފަ އެވެ. މިއީ އާންމުން ފައްސާލުމަށް ފެންބަޑި އާއި ކަރުނަ ގޭސް ފަދަ -- އާންމުގެ ރުޅިގަނޑު އިތުރުވެދާނެ ކަމެއް ކުރަން ފުލުހުންނަށް ދަތިވާނެ އަމުރެކެވެ.

ފަރަންސޭސިވިލާތުގެ އާންމުންނަށް ތާއީދު އޮތްކަން ހާމަކުރުމަށް ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވެސް އެއްވުންތައް ދަނީ ބާއްވަމުންނެވެ. މިގޮތުން ބެލްޖިއަމްގައި މަގުތަކަށް ނުކުތް މީހުންގެ ތެރެއިން 63 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފަރަންސޭސިވިލާތަކީ ނަސްލީ އިމްތިޔާޒު ވަރަށް ބޮޑު ގައުމެއް ކަމަށް އދ އިން ވެސް ވނީ ބުނެފަ އެވެ. ހާއްސަކޮށް ގާނޫނު ތަންފީޒުކުރާ އިދާރާތަކުން -- އެކި ނަސްލުގެ މީހުންނާ މެދު އެކި ގޮތަށް ދެކޭ ކަމަށް އދ. އިން ބުނެ އެވެ.

މިދިޔަ އަންގާރަ ދުވަހު ފުލުހުން ބަޑިޖަހައި މަރާލި ނާހިލް އަކީ އަލްޖީރިއާ ދަރިކޮޅަށް ނިސްބަތްވާ ކުއްޖެކެވެ.

ފަރަންސޭސިވިލާތުގައި ނަސްލީ ތަފާތުކުރުން އޮންނަ ކަމަށް އދ އިން ބުނީ މި ކުއްޖާ އަކީ ފްރާންސްގައި ދިރިއުޅޭ ބައިމަދު ނަސްލަކަށް ނިސްބަތްވާ ކުއްޖަކަށް ވެފައި -- މިފަދަ އިހާނެތި ގޮތްތައް ބައިމަދު އެހެން ނަސްލުތަކަށް ވެސް ދިމާވެފައި ވާތީ އެވެ.

ނަމަވެސް ފުލުހުންގެ އަނިޔާވެރި ހަމަލާތައް ގިނައިން އަރާފައިވަނީ ފަރަންސޭސިވިލާތުގައި ދިރިއުޅޭ އަރަބި ދަރިކޮޅުގެ މީހުންނަށެވެ.