ފަރަންސޭސިވިލާތުގައި 17 އަހަރުގެ ފިރިހެން ކުއްޖެއްގެ ގަޔަށް އަންގާރަ ދުވަހުގެ ވަަރަށް ހެނދުނުގެ ވަގުތެއްގައި ފުލުހުން ބަޑިޖަހައި މަރާލުމާ ގުޅިގެން ބޮޑެތި ހަމަނުޖެހުންތައް ދަނީ ހިންގަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެއީ ޕިއްޒާ ޑެލިވަރީ ކުރަން އުޅުނު ޒުވާން ޑްރައިވަރެކެވެ. އޭނާގެ މެއަށް ފުލުހުން ބަޑިޖެހީ ފުލުހުންގެ ޗެކް ޕޯސްޓަކަށް މަޑުކުރަން އެނގުމުން، މަޑުނުކޮށް ދާން އުޅުމުން ކަމަށް ޚަބަރުތައް ބުނެ އެވެ.
އޭނާގެ ނަން ޚަބަރުތަކުގައި ލިޔެވައި އޮންނަނީ ނާހެލް އެމް ގެ ގޮތުގަ އެވެ.
މި ހާދިސާއާ ގުޅިގެން ފަރަންސޭސިވިލާތުގެ އެކި ސިޓީތަކުގައި، އާންމުން މަގުތަކަށް ނުކުމެ ތަންތަނުގައި ހުޅުޖަހައި، ދައުލަތުގެ އިމާރާތްތަކަށާއި މުދަލުގައި ހުޅުޖަހައި ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފަރަންސޭސި ސަރުކާރުން މަގުތަކަށް 40،000 ސިފައިން ވަނީ ނެރެފަ އެވެ. މިއާ އެކު "އެންޓި ޓެރާ ޔުނިޓް" ވެސް ވަނީ މަސައްކަތަށް ނެރެފަ އެވެ.
ފަރަންސޭސި ވެރިރަށް ޕެރިހުގެ ސަލާމަތީ ފިޠަވަޅުތައް ބެލެހެއްޓުމަށް ހާއްސަކޮށް 5،000 ސިފައިން ވެސް ވަނީ ނެރެފަ އެވެ.
ބުރާސްފަތި ދުވަހު އެކަނިވެސް ޕެރިހުގެ މަގުތަކަށް 6،000 އަށް ވުރެ ގިނަ މީހުން ނުކުމެ ވަނީ ފުލުހުންނާ ކުރިމަތިލާފަ އެވެ. އޭގެ ތެރެއިން 180 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ޚަބަރުތައް ބުނާ ގޮތުން ހަމަނުޖެހުން ކޮންޓްރޯލްކުރަ އުޅުނު ފުލުހުންގެ ތެރެއިން 170 އޮފިސަރަކަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން ވަނީ މި ހާދިސާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މީހުން މަރާ ފުލުހުންނަކަށް މާފެއް ނޯންނާނެ އެވެ.
މެކްރޮންގެ މި ވިދާޅުވުމަކީ ފުލުހުންގެ އިސް އޮފިސަރުން ދެކެވަޑައިގަންނަވާ ގޮތުގައި ވެރިކަމުގައި ހުންނަވާ ބޭފުޅަކު އިޚުތިޔާރު ކުރެއްވުން އެންމެ އެކަށީގެންވާ ބަސްމަގެއް ނޫނެވެ.
އެ މީހުން ދައްކާ ސަބަބަކީ އެ ކުއްޖާ މަރާލަން ޖެހުނު ސަބަބު އޮޅުން ފިލުވުމެއް ނެތި ފުލުހުންނަށް ބޮޑެތި އަނިޔާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވުމެވެ.
ނާހެލް ގަޔަށް ބަޑިޖެހި ފުލުސް އޮފިސަރު މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ. ޕްރޮސެކިޔުޓަރު ޖެނެރަލްގެ ޚާއްސަ ޓީމަކުން މި މައްސަލަ ބަލަމުން އަންނައިރު -- ފުލުހުންނަށް އަމާޒުކޮށް ފަރަންސޭސިވިލާތުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގުން ވަނީ އިތުރުވެފަ އެވެ.
މި ހާދިސާއަށް ދެ ދުވަސް ވެފައި ވާއިރު ޕެރިހުގެ އިމުގައި ހުރި ފުލުހުންގެ ޗެކް ޕޯސްޓްތަކަށް ހަމަލާ ދިނުމާއި ފުލުހުންގެ އިދާރީ އޮފީސްތަކަށް ހަމަލާދިނުން ވެސް ވަނީ އިތުރުވެފަ އެވެ.