ފްރާންސްގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތައް އެގޮތުގައި ކުރިއަށްދާ ކަމަށްވާނަމަ ސަރުކާރުގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިދާނެ ކަމަށް އެ ގައުމުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.
މެކްރޮން ވިދާޅުވީ ހަމަނުޖެހުންތަކަށް ހިތްވަރުދިނުމަށް އާންމުން ވަރަށް ގިނައިން ސޯޝަލް ނެޓްވޯކްތައް ބޭނުންކުރާ ކަމަށާއި -- ފްރާންސްގައި ސޯޝަލް ނެޓްވޯކްތައް ބަންދުުކުރަން ޖެހިދާނެ ކަމަށެވެ.
އާންމުން މަގުތަކަށް ނުކުމެ ދައުލަތުގެ މުދަލަށާއި އާންމުންގެ މުދަލަށް ގެއްލުންދޭ ނަމަ ސޯޝަލް ނެޓްވޯކް ބަންދުކުރަން ކަމާބެހޭ އިދާރާތަކަށް އަންގަވާނެ ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ.
މެކްރޮން ދެއްކެވި ވާހަކަތަކުން ދޭހަވަނީ ސޯޝަލް ނެޓްވޯކްތައް މުޅިން އެކުގައި ބަންދުކުރުމުގެ ބަދަލުގައި، ހަމަނުޖެހުންތަކަށް ހިތްވަރުދޭ އެކްޓިވިސްޓުންތައް ފުރާނާލައި -- ފުރަތަމަ ބުރުގައި އެ މީހުންގެ އެކައުންޓްތައް ބަންދުކުރުމެވެ.
އެވަރުން ވެސް ހަމަނުޖެހުންތަކަށް ހައްލެއް ނުލިބިއްޖެ ނަމަ ވަކިވަކި ނެޓްވޯކްތައް ބަންދުކުރުމަކީ ފެނިވަޑައިގަންނަވާ ގޮތް ކަމަށް މެކްރޮން ވިދާޅުވި އެވެ.
ފްރާންސްގެ ނޫސްތަކުން ބުނާ ގޮތުން ސަރުކާރުގެ އޮފިޝަލުން މިހާރު ވަނީ ސޯޝަލް މީޑިއާ ކުންފުނިތަކާ މަޝްވަރާކޮށް ނިންމާފަ އެވެ. ސޯޝަލްމީޑިއާ ބަންދުކުރަން ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށްވެސް ނޫސްތަކުން ބުނެ އެވެ.
ފްރާންސްގެ ފުލުހުން ޖޫން 27 ގައި ޒުވާން ފިރިހެން ކުއްޖަކު މަރާލުމާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތައް މިއަދާ ހަމައަށް އައިއިރު ވެސް ތައްކަތުވާ ގޮތެއް ނުވެ އެވެ. އާންމުންގެ ރުޅިގަނޑު މަތަކުރުވައި އަމަން ދެމެހެއްޓުމަށް ސަރުކާރުން ކުރި އެއްވެސް ކަމަކުން ކޮޅެއް ފެންނަ ގޮތެއްވެސް އަދި ނުވެ އެވެ.
އެއްވުންތައް ރޫޅާލުމަށް ބަރުއުޅަނދުތަކާއި ދަނގަނޑު ހެދުން އަޅައިގެން ފުލުހުންނާއި ސިފައިން މަގުތަކަށް ނުކުތް ނަމަވެސް، އެއަށް ގުޑާނެ މީހަކު ނުވި އެވެ.
ފްރާންސްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ ހަމައެކަނި މީހަކު މަރައިގެން ހިންގަމުން ގެންދާ ހަމަނުޖެހުންތަކެއް ނޫނެވެ. އެންމެ ބޮޑު މައްސަލަ އަކީ އާންމު ރައްޔިތުންގެ މެދުގައި ސަރުކާރުގެ އިދާރާތަކުން -- ހާއްސަކޮށް އަމަން ބަލަހައްޓާ އިދާރާތަކައި ގާނޫނު ތަންފީޒުކުރާ ބާރުތަކުން ފްރާންސްގައި ދިރިއުޅޭ އެކި ނަސްލުތަކުގެ މެދުގައި ތަފާތުކުރުމެވެ. ބައިމަދު ނަލްސުތަކަށް ޖެއްސުންކޮށް ހައްގުތަކުން ބާކީކުރުމަކީ ވެސް އާންމުންގެ ރުޅިގަނޑު މަތަނުވެގެން އުޅޭ ސަބަބެކެވެ.