ދުނިޔެ

ފަރަންސޭސިވިލާތަކީ ނަސްލީ ތަފާތުކުރުން އޮތް ގައުމެއް ނޫން

ފަރަންސޭސިވިލާތުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގައި ނަސްލީ ތަފާތުކުރުން އޮންނަ ކަމަށް ބުނެ އދ އިން ނެރުނު ބަޔާން އެ ގައުމުން ދޮގުކޮށްފި އެވެ.

އދ ގެ ހައިކޮމިޝަނާ ފޮ ހިއުމަން ރައިޓްސް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ފުލުހުންގެ އިދާރާތަކުގައި ނަސްލުތަކުގެ މެދުގައި ތަފާތުކުރުން ވަރަށް ބޮޑަށް ގެންގުޅޭ ކަމަށެވެ.

އދ ގެ މި ބަޔާނަށް ދެކޮޅުހަދައި ފަރަންސޭސި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އދ އިން ދައްކަނީ ދެކޮޅު ޖެހޭ ވާހަތަކެއް ނޫން ކަމަށެވެ. އެއީ ފެށުމުގައި ވެސް އަސްލެއް އޮތް ވާހަކަތަކެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފަރަންސޭސިވިލާތަކީ ނަސްލީ ތަފާތުކުރުން ފަދަ އިންސާފެއް ނެތް ހުރިހާ ކަމަކާ ދެކޮޅު ގައުމެއް ކަމަށް ވެސް ޚާރިވީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެ އެވެ.

އދ ގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފަރަންސޭސިވިލާތަކީ ފުލުހުން ލައްވައި މަގުމަތީގައި ގާނޫން ތަންފީޒުކުރާ ގައުމެއް ކަމަށެވެ. ފުލުހުންގެ އާންމު އަޚުލާގަކީ ވެސް ހަރުކަށިކަން ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އދ ގެ މި ބަޔާން ގުޅިފައި ވަނީ ފަރަންސޭސިވިލާތުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ އެވެ.

އަލްޖީރިއާގެ އަރަބި އާއިލާއަކަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ ނާހިލްގެ ގަޔަށް އަންގާރަ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ފުލުހުން ބަޑިޖަހައި މަރާލުމާ ގުޅިގެން މުޅި ފަރަންސޭސިވިލާތް މިހާރު އޮތީ އެމެޖެންސީވެފަ އެވެ.

ފުލުހުން ދެކެ ރުޅިއަރައިގެންފައި ތިބި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މަދަނީ ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. ފުލުހުންގެ އިދާރާތަކުގެ ބިއްލޫރިތައް ތަޅައި މަޝްހޫރު ވިޔަފާރި މަރުކާތަކުގައި -- ޝޯރޫމްތަކުގައި ވަނީ ހުޅުޖަހާފަ އެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް މަގުތަކަށް 4،500 އަށް ވުރެ ގިނަ ފުލުހުންނާއި ސިފައިން ނެރެފައި ވާއިރު މި ހަމަނުޖެހުންތަކާ ގުޅިގެން އާންމުންގެ ތެރެއިން 1،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނާ ގޮތުން ނާހިލްގެ ގަޔަށް ބަޑިޖެހީ އެ މީހުންގެ ޖާނަށް ނުރައްކާވުމުންނެވެ. އެހެން ނަމަވެސް، އެ ބުނުން ސާބިތުކުރެވޭ ވަރުގެ ހެއްކެއް އޮފިސަރުންގެ އަތުގައި ނެތެވެ.

އިންޓަނެޓުގައި ހުރި ވީޑިއޯތަކުން ފެންނަނީ ނާހިލްގެ ޕިއްޒާ ޑެލިވަރީކުރަން ދުއްވި ކާރު މަޑުކުރުވައި އޭނާއާ ދިމާއަށް ފުލުހަކު ބަޑި ދިއްކޮށްގެން ހުންނަ މަންޒަރެވެ.

އަދި އެތައް ފަހަރަކު ނާހިލްއަށް އިންޒާރު ދިނުމަށް ފަހު އޭނޭ ގަޔަށް ބަޑިޖަހާ މަރާލާ މަންޒަރެވެ.