ދުނިޔެ

ނައިޖަރަށް ހުރިހާ އެހީތެރިކަމެއް ފަރަންސޭސިވިލާތުން މެދުކަނޑާލައިފި

ނައިޖަރުގެ ތަރައްގީ އަށާއި ބަޖެޓް ސަޕޯޓްގެ ގޮތުގައި ފަރަންސޭސިވިލާތުން ދޭ ހުރިހާ އެހިތެރިކަމެއް މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ފަރަންސޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނަކުން މިކަން ވަނީ ނައިޖަރަށް އަންގައި، ދުނިޔެއަށް އިއުލާންކޮށްފަ އެވެ.

ފަރަންސޭސިވިލާތުން މި ވަރުގެ ހަރުކަށި ފިޔަވަޅެއް އެޅި ސަބަބަކީ އަސްކަރީ ބަޣާވާތަކުން ރައީސް މުހައްމަދު ބަޒޫމްގެ ސަރުކާރު ވައްޓާލައި -- އަސްކަރިއްޔާ އިސްވެ ގައުމުގެ ހާލަތު ބަދަލުކުރުމެވެ.

ނައިޖަރުގައި އާންމުންގެ ވޯޓަކުން ހޮވާފައި ހުރި ރައީސް އަނބުރާ ވެރިކަމަށް ގެނައުމަށް ޕެރިހުން ވަނީ ގޮވާލާފަ އެވެ.

ނައިޖަރަކީ އެފްރިކާ ބައްރުގައި ހިމެނޭ ގައުމުތަކުގެ ތެރެއިންވެސް ފަގީރު ގައުމެކެވެ. އެ ގައުމަށް ނިސްބަތްވާ ގާތްގަނޑަކަށް 26 މިލިއަން މީހުންނަށް ބޭނުންވާ ފަރުދީ އެހީތެރިކަން ފޯރުކޮށްދެނީ ދުނިޔެއަށް އެހީދޭ ޖަމާއަތްތަކުންނާއި އަވައްޓެރި ގައުމުތަކުންނެވެ.

ފަރަންސޭސިވިލާތުން އެކަނިވެސް 2021 ވަނަ އަހަރު 97 މިލިއަން ޔޫރޯ ނައިޖަރަށް ދިމުނަށް އޮތީ ވައުދުވެފަ އެވެ. މިހެން ކަން އޮއްވައި ދުނިޔެ ގަބޫލުނުކުރާ ވެރިކަމެއް -- އަނެއްކޮޅުން ބާޣާވާތަކުން ވެރިކަން ވައްޓާލުމުން އެހީދޭނެ ބަޔަކު އަމުދުން ނުވެސް ވާނެ އެވެ.

ނައިޖަރުގައި ރިޔާސީ ގާޑުންނާއި ރައީސް ބަޒޫމްއާ ދެމެދު އުފުދުނު ޚިލާފުތަކެއްގައި، އަސްކަރިއްޔާގެ މަދަދާ އެކު ޖުލައި 26 ގައި ބަޣާވާތަކުން ވަނީ ވެރިކަން ވައްޓާލާފަ އެވެ.

ނައިޖަރުގައި މިހާރު ވެރިކަން ކުރަނީ "ނޭޝަނަލް ކައުންސިލް ފޯ ދަ ސޭފްގާޑިންގް އޮފް ދަ ކަންޓްރީ" ނަމުގައި އުފައްދާފައި އޮތް އަސްކަރީ ޖަމާއަތަކުންނެވެ. އިންތިގާލީ ވެރިއަކީ ޖެނެރަލް އަބްދުއްރަހްމާން ތިޔާނީ އެވެ.

ވެރިކަމުން ދުރުކޮށްފައިވާ މުހައްމަދު ބަޒޫމް އަކީ އެމެރިކާ އާއި ޔޫރަޕްގެ ތާއިދު ވަރަށް ބޮޑު ލީޑަރެކެވެ. އޭނާއަށް ހިފެހެއްޓުމެއް ނެތް އެހީތެރިކަން އޮންނާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވެސް ވަނީ ވިދާޅުވެފަ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވެސް ވަނީ ނައިޖަރުގައި ބަޣާވާތްކުރުން ކުށްވެރިކުރައްވާފަ އެވެ. އޭނާ އަދި ވިދާޅުވީ ނައިޖަރުގައި އަސްކަރީ ވެރިކަމެއް ގާއިމުކުރި ނަމަވެސް ޔޫރަޕިއަން ޔޫނިއަނުން ބަލައި ނުގަންނާނެ ކަމަށެވެ.