ނައިޖަރުގައި ބަޣާވާތަށް ތާއީދުކުރާ މީހުން ފަރަންސޭސިވިލާތަށް މަލާމާތްކޮށް ގުންފައިޖަހާފައި ގޮސް ވެރިރަށް ނިއާމޭގައި ހުންނަ ފަރަންސޭސިވިލާތުގެ އެމްބަސީއަށް ހަމަލާދީފި އެވެ.
ނައިޖަރުގައި އޮތް މަދަނީ ވެރިކަން އަސްކަރީ ބަޣާވަތަކުން ވައްޓާލުމަށްފަހު، ވެރިކަމުގައި މިހާރު ތިބީ އަސްކަރީ ޖެނެރަލުންނެވެ. ވެރިކަން ކުރަނީ އަސްކަރީ ޖެނެރަލުން ހިމެނޭ ގޮތަށް އުފައްދާފައި އޮތް ކައުންސިލަކުންނެވެ.
އިންޓަނެޓަށް އާންމުވެފައި ހުރި ވީޑިއޯތަކުން ފެންނަ ގޮތުގައި ބަޣާވާތަށް ތާއީދުކުރާ ގުރޫޕަކުން ފަރަންސޭސި އެމްބަސީ ދޮށަށް އެއްވެ އެވެ. އަދި އެ ތަނުގައި ފަރަންސޭސި ދިދަ އަންދައި އެމްބަސީއަށް ގާއުކަ އެވެ.
އެމްބަސީގެ ތެރެއަށް ވަދެގަތުމަށް ދޮރުގައި ތަޅައި ކޮށްޕަނިކޮށް އައިތަނެއް ނޭނގި އެ ތަނަށް ވެއްޓުނު ކަރުނަގޭސް ދަޅެއްގެ ބިރަށް އެ މީހުން ދުވެ ފިލަ އެވެ.
ފަރަންސޭސި އެމްބަސީ ދޮށުގައި ހަޅޭއްލެވި މީހުން ގޮވީ އެ މީހުންްގެ އެއްވެސް ކަމަކާ ފަރަންސޭސީން ނުބެހުމަށެވެ. އިސްތިއުމާރީ ވެރިކަން ދޫކޮށް ދިއުމަށްފަހު ވެސް ނައިޖަރުގެ މަދަނީ ހުރިހާ ކަމެއްގެ ތެރެއަށް ފަރަންސޭސިވިލާތް ވަދެގެންފައިވާ ކަމަށް އެ މީހުން ގޮވި އެވެ.
"ފުދިއްޖެ، ނައިޖަރަކީ މިނިންވަން ގައުމެއް -- ފައިބައިގެން ދާން އުޅޭ،" މި ފަދަ އިބާރާތްތަކުން އެމީހުން ހަލޭއްލެވި އެވެ.
މި ހާދިސާއާ ގުޅިގެން ފަރަންސޭސިވިލާތުން ވަނީ ބަޔާނެއް ނެރެފަ އެވެ. އޭގައި އިންޒާރުދިފައިވަނީ ނައިޖަރުގައި އުޅޭ ފަރަންސޭސި އެއްވެސް ރައްޔިތަކަށް އަދި ހުރި މުދަލަކަށް ނުވަތަ އިމާރާތަކަށް ގެއްލުމެއްދީ ކަރާމާތް ކަނޑައިފިނަމަ އެ ބަޔަކާ ދެކޮޅަށް ފަރަންސޭސި އަސްކަރިއްޔާ ތެދުވާނެ ކަމަށެވެ.
ނައިޖަރުގައި މިހާރު ހަމަނުޖެހުން އުފެދިގެން އުޅެނީ ރައީސް މުހައްމަދު ބަޒޫމްގެ ވެރިކަން ބަޣާވާތަކުން ވައްޓާލައި އަސްކަރިއްޔާ ވެރިކަމަށް އެރުމުންނެވެ.
އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން ވަނީ މި ބަޣާވާތް ކުށްވެރިކޮށްފަ އެވެ. އަދި އަސްކަރީ ވެރިކަމެއް ބަލައިނުގަންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަނެއްކޮޅުން ފަރަންސޭސިވިލާތުން ވަނީ ނައިޖަރަށް ދޭން ހުރި އެހީތައް ވެސް ހިފަހައްޓާފަ އެވެ. ބަޣާޥާތުގެ ވެރިކަން އޮތްހައި ހިނދަކު ނައިޖަރަށް އިންސާނީ އެޙީތެރިކަމެއް އަދި ބަޖެޓް ސަޕޯޓެއް ވެސް ނުދޭނަ ކަމަށް ވަނީ ބުނެފަ އެވެ.
ވެރިކަމުން ދުރުކޮށްފައިވާ މުހައްމަދު ބަޒޫމް އަކީ އެމެރިކާ އާއި ޔޫރަޕްގެ ތާއިދު ވަރަށް ބޮޑު ލީޑަރެކެވެ. އޭނާއަށް ހިފެހެއްޓުމެއް ނެތް އެހީތެރިކަން އޮންނާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވެސް ވަނީ ވިދާޅުވެފަ އެވެ.
ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވެސް ވަނީ ނައިޖަރުގައި ބަޣާވާތްކުރުން ކުށްވެރިކުރައްވާފަ އެވެ. އޭނާ އަދި ވިދާޅުވީ ނައިޖަރުގައި އަސްކަރީ ވެރިކަމެއް ގާއިމުކުރި ނަމަވެސް ޔޫރަޕިއަން ޔޫނިއަނުން ބަލައި ނުގަންނާނެ ކަމަށެވެ.