ދުނިޔެ

ޔޫރަޕިއަން ޔޫނިއަނުން ތުރުކީއަށް އެއްވެސް ކަމެއް ނުކޮށްދިނަސް ހެޔޮ: އުރުދުޣާން

ޔޫރަޕިއަން ޔޫނިއަނުން ކަމެއް ކޮށްދޭނެ ކަމަށް ތުރުކީ މިހާރު ނުވިސްނާ ކަމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އީޔޫ މެމްބަރުކަށް ވުމަށް ތުރުކީ އެދިގެން އުޅޭތާ ޒަމާންތަކެއް ވެއްޖެ ކަމަށާއި ބުރަސެލްސްގައި އެ ތިބީ ތުރުކީއަށް ކަމެއް ކޮށްދޭން ބޭނުންވާ ބައެއް ނޫން ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތުރުކީއަށް ކުރަން ޖެއްސި ހުރިހާ ކަމެއް އޮންނާނީ ފުރިހަމަކޮށްފައި ކަމަށެވެ. ތުރުކީ އަކީ ވައުދެއް ވެއްޖެނަމަ ފުއްދާނެ ގައުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ނަމަވެސް އީޔޫއިން ތުރުކީއަށް ކޮށްދޭނެ ކަމަށް ބުނި އެއްވެސް ކަމެއް އަދާ ހަމައަށް ކޮށްދީފައި ނުވާ ކަމަށް ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ދޮރުބުޑުގައި 60 އަހަރު ހޭދަކުރެވިއްޖެ ކަމަށާއި އީޔޫއާ މެދު އަންކާރާ އިން މިހާރު އޮތީ ގޮތެއް ނިންމާފައި ކަމަށެވެ.

އުރުޣާން ވިދާޅުވި ގޮތުގައި އަންކާރާއަށް މިހާރު އޮތީ އީޔޫ އިން ތުރުކީއަށް ކަމެއް ކޮށްދިނުމުން -- ބުރަސެލްސްއަށް ކަމެއް ކޮށްދިނުމުގެ ސިޔާސަތު ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީ ރައްޔިތުން ޔޫރަޕަށް ދަތުރުކުރަން ބޭނުންވާ ވިސާއަަށް ވެސް އީޔޫއިން ދަތިކުރާ ކަމަށް އުރުދުޣާން ވިދާޅުވި އެވެ. މިހެން ކަން އޮތުމުން ސިޔާސަތުތަކަށް ބަދަލުގެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ހޯދަން ތުރުކީން އެންމެ ފުރަތަމަ ހުށަހެޅީ 1987 ގައެވެ. އޭގެ 12 އަހަރު ފަހުން ތުރުކީގެ ކެންޑިޑޭޓްކަން ގަބޫލުކުރި އެވެ. އަދި އެއަށް ފަހު 2018 ގައި އެޕްލިކޭޝަން ފޯމް ކުރިއަށް ނުގެންދާ ގޮތަށް ނިންމައި ޔޫރަޕިއަން ޔޫނިއަނުން އެ ފޯމު ކެންސަލްކުރި އެވެ. ޔޫރަޕިއަން ޔޫނިއަނުން އެއިރުވެސް ދެއްކި އުޒުރަކީ އިންސާނީ ހައްގުތަކަށް ތުރުކީ އިހުތިރާމް ނުކުރުމެވެ.

އެއަށް ފަހުވެސް ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވުމަށް ތުރުކީ އެތައް ފަހަރަކު ވަނީ މަސައްކަތްކޮށްފަ އެވެ. މި މަސައްކަތުގައި 36 އަހަރު ފާއިތުވެ ދިޔައިރު ވެސް ތުރުކީއަށް އަދިވެސް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ނުދެ އެވެ.